Last Updated: July 23, 00:50
Tuesday, July 22, 2025
ޚަބަރު

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: މަޖިލިސް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިސްނަގައިގެންނެވެ. އެގޮތުން މި މައްސަލަ މަޖިލީހަށް ވެއްދީ 11 މެމްބަރުންގެ ސޮޔާއެކުއެވެ. މި މައްސަލަ މަޖިލީހަށް ވެއްދުމަށް ސޮއިކުރި މެމްބަރުންގެ ތެރޭގައި އަމިއްލަ މެމްބަރުންގެ ގޮތުގައި ތިއްބެވި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ހުޝާމް ހިމެނިވަޑައިގަންނަވައެވެ.

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދިއިރު، މިއަހަރު ޖޫން މަހު ހުޅުމާލެ ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ އާ ގުޅިގެން އިމްރާން މިދިޔަ ހޮނިހިރު ދުވަހުގެރޭ ޕްރޮގްރާމެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެން އޭނާ އަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

އެގޮތުން އެ ޕްރޮގްރާމުގައި އިމްރާން ވަނީ އެ ހާދިސާ އަކީ "އާންމު ޕަބްލިކް ތަނެއްގައިވެސް ހުރެފައިވެސް ބަޔެއްގެ ތެރޭގައި ހުރެފައިވެސް މީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއް" ކަމަށް ވިދާޅުވެފައެވެ. އަދި އެއީ "ކުރީމަ ކަމެއް ކުރިކަންވެސް ނެނގޭ ވަރުގެ ކަމެއް" ކަމަށްވެސް އިމްރާން ވިދާޅުވެފައެވެ.

ފާޑުކިޔުންތައް އަމާޒުވުމުން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނަކަށް ޖިންސީ އަނިޔާއެއް ނުވަތަ ފުރައްސާއެއް ކުރުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި އެއީ ބޮޑު ކަމެއް ކަމަށެވެ. އަދި އެއީ ކުޑަ ކަމެއް ކަމަށް ބުނެފައި ނުވާނެ ކަމަށާއި އޭނާއާ ގުޅޭގޮތުން މީޑިއާގައި ފަތުރާފައިވާ ބައެއް ވާހަކަތަކުން އޭނާ ދެންނެވި އެއްޗެއްގެ ހަގީގަތް އޮޅޭ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ މި ވާހަކަތަކާ ގުޅިގެން އޭނާގެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ވެސް މިހާރު ވަނީ ހުށަހަޅާފައެވެ.