Last Updated: July 19, 05:51
Saturday, July 19, 2025
ޚަބަރު

ހައިޖެކް ކުރި ދޯންޏަށް ފުރިޔަނުދީ ހިފަހައްޓައިފި

"ފަސްކުރި" ދޯނި - ފޮޓޯ: ފޭސްބުކް

ރޭ ދަންވަރު ލ. ވަޑިނޮޅި ކައިރީ އެން ހިފަން އުޅެނިކޮށް ތޫނު އެއްޗެއްސާއި އެކު އަރައި ހައިޖެކް ކުރި "ފަސްކުރި" ދޯންޏަށް ލ.ގަމުން ފުރިޔަނުދީ ހިފަހައްޓައިފިއެވެ.

އެ ދޯނިން "އައްޑޫލައިވް"އަށް މައުލޫމާތު ދިން ފަޅުވެރިއަކު ބުނީ ފުލުހުންނަށް ބަޔާން ދިނުމަށްފަހު ފުރަން އުޅުމުން މީހުން އެ ސަރަހައްދަށް އެއްވެ ފުރިޔަނުދީ ހިފަހައްޓައި ހަމަނުޖެހުންތައް ހިންގަމުންދާ ކަމަށެވެ. އެގޮތުން ދޯނިން ފޭބުމަށް ފަޅުވެރިންނަށް އަންގަމުންދާ ކަމަށާއި އެ ސަރަހައްދުގައި ހަ ވަރަކަށް ފުލުހުން ތިބިއިރު ގިނަ އަދަދަކަށް މީހުން އެއްވެފައިވާ ކަމަށްވެސް އެމީހާ ބުންޏެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އެކަން މިހާރު ބަލަމުންދާ ކަމަށެވެ.

"ފަސްކުރި" ދޯންޏަކީ މީގެ ދެ އަހަރު ކުރިން ލ.ގަމު މީހަކު ޔޮޓް ޓުއާސްއަށް 7 މިލިއަން ރުފިޔާއަށް ވިއްކާފައިވާ ދޯންޏެކެވެ. އެ ދޯނީ ވިއްކި މީހާ އާޢި ހަވާލާދީ "ވަގުތު" ނޫހުން ބުނެފައިވަނީ ލ. އަތޮޅަށް ދޯނި ވަނުމުން ސުލްހަވެރިކަމާއި އެކު ދޯންޏަށް އަރައި، ދޯންޏާއި ހަވާލުވެފައިވާ ކަމަށެވެ. އަދި ދޯނި ހައިޖެކް ކުރި ވާހަކަ އޭނާ ދޮގު ކުރެއެވެ.

ނަމަވެސް ދޯނީގެ ފަޅުވެރިން އެވާހަކަ ދޮގު ކުރެއެވެ. ދޯނީގެ ފަޅުވެރިން ބުނީ ގާތްގަޑަކަށް 30 މީހުންގެ ބޮޑު ގްރޫޕަކުން ދޯންޏަށް އެރީ ތޫނު ހަތިޔާރާއި އެކު ކަަމަށެވެ. އަދި އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް އެމީހުން ބުނެއެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮޕިޝަލް ވިދާޅުވީ ރޭ 11:55 ހާއިރު ވަޑިނޮޅު ކައިރީގައި އޮތް މަސް ދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ދޯނި ގަމު ތުނޑި އަށް ކައިރިކޮށް، އެ އަށް އިތުރު ބަޔަކު އެރިއަސް އެއްވެސް މާރާމާރީއެއް ހިންގާފައިވާ ނުވާ ކަމަށް ބުންޏެވެ.

"އެހެން ނަމަވެސް ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނި ތެރޭ ހުރުމުން އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ،"

މި މައްސަލައާ ގުޅިގެން މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައިނުވާއިރު، ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.