Last Updated: April 27, 08:49
Saturday, April 27, 2024
ދުނިޔެ

އިސްލާމްދީނާ ދެކޮޅު ޕޯސްޓުތައް ފޭސްބުކްގައި މަނާކުރަން އެދިއްޖެ

އިމްރާން ހާން - ފޮޓޯ: ގެޓީ އިމޭޖެސް

އިސްލާމްދީނާ ދެކޮޅު ޕޯސްޓުތައް ފޭސްބުކްގައި މަނާކުރުމަށް އެދި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން، ފޭސްބުކްގެ ސީއީއޯ މާކް ޒުކަބާގަށް ސިޓީ އެއް ފޮނުވައިފިއެވެ.

މި ސިޓީ ފޮނުވާފައިމިވަނީ އެހެން ބައެއް ދީންތަކަށް ފުރައްސާރަކޮށް ކުރާ ޕޯސްޓުތައް މަނާކުރަން ފޭސްބުކް އިން ދާދިފަހުން ނިންމި ނިންމުމަށް އިޝާރާތްކޮށެވެ.

އެގޮތުން އިމްރާންގެ ސިޓީގައި ވިދާޅުވީ ސޯޝަލް މީޑިއާ މެދުވެރިކޮށް އިސްލާމްދީނާއި މުސްލިމުންނާއި ދެކޮޅު ވާހަކަތައް ދެއްކުން އިތުރުވަމުންދާ ކަމަށާއި މީގެ ނަތީޖާއެއްގެ ގޮތުން ހަމަނުޖެހުމަށް މަގުފަހިވަމުންދާ ކަމަށެވެ. އަދި އެހެން ބައެއް ދީންތަކަށް ފުރައްސާރަކޮށް ކުރާ ޕޯސްޓުތައް މަނާކުރަން ނިންމި ނިންމުން ބަލައިގަންނަ ކަމަށާއި ހަމަ އެ އުސޫލުން އިސްލާމްދީނަށް ފުރައްސާކޮށް ކުރާ ޕޯސްޓުތައް ވެސް މަނާކޮށްދޭން އިމްރާން ވަނީ އެދިވަޑައިގެންފައެވެ.

މީގެއިތުރުން ނަފްރަތުކަމުގެ މެސެޖުތަކަކީ މުޅިން އެއްކޮށް މަނާކުރަންޖެހޭ އެއްޗެއް ކަމަށްވެސް އިމްރާންގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

އިމްރާން މިކަމަށް އެދިވަޑައިގެން ސިޓީއެއް ފޮނުއްވިއިރު، ދާދިފަހުން އޭނާ ވަނީ އިސްލާމްދީނަށް ހަމަލާދެމުންދާ ކަމަށް ވިދާޅުވެ ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮން އަށް ވެސް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. އިމްރާންގެ ފާޑުކިޔުން މެކްރޮން އަށް އަމާޒުވީ އިސްލާމިސްޓުން ފްރާންސްގެ ރައްޔިތުންގެ މުސްތަގުބަލު އަތުލައިގަންނަން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން އެގޮތަށް ވިޔަ ނުދޭނެ ކަމަށް އޭނާ ވިދާޅުވުމާ ގުޅިގެންނެވެ.

މެކްރޮންގެ މި ވާހަކަތަކާ ގުޅިގެން މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި މިހާރު ވަނީ ފްރާންސާއި ދެކޮޅަށް ކެމްޕޭނެއް ވެސް ފަށާފައެވެ. އެގޮތުން ފްރާންސްގެ އުފެއްދުންތައް ބޭނުން ކުރުން ހުއްޓާލުމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.