Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އައްޑޫ އާއި ފުވައްމުލަކަށް ބަޔޮސްފިއާގެ ލަގަބު ލިބިއްޖެ

އައްޑޫ އާއި ފުވައްމުލަކަށް ރަސްމީކޮށް ޔުނައިޓެށް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗުރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) ގެ ބަޔޮސްފެއަރ ރިޒާވުގެ ލަޤަބު މިއަދު ލިބިއްޖެއެވެ.

ބައިނަލްއަޤުވާމީ ޖަމްޢިއްޔާ އެއް ކަމަށްވާ ބަޔޮސްފިއަރ ރިޒާވަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބޭ ތިމާވެށީގެ ގޮތުން ފާހަގަ ކޮށްލެވޭ، ބަލަހައްޓައި، ދަމަހައްޓައި، ހިމާޔަތް ކުރުން މުހިންމު، އެތަންތަނުން އެ ސަރަހައްދުތަކުގައި އުޅޭ ދިރުންތަކަށް ފައިދާ ލިބޭ ތަންތަނުގެ ތެރެއިން ވަކި ޝަރުތުތަކެއް ފުރިހަމަވާ ތަންތަނަށް ދެވޭ ލަޤަބެކެވެ.

އަދި މިތަންތަނަކީ މިތަންތަނުގެ ދިރާސާ ކުރެވި، އެއިން ދުނިޔެވީ މައްސަލަތަކަށް ސަރަހައްދީ ނުވަތަ އަތޮޅު ފެންވަރެއްގައި ދެމެހެއްޓެނިވި ހައްލުތައް ހޯދުމަށް ބޭނުން ކުރެވިދާނެ ތަންތަނެވެ.

މިއަދު ވީޑިއޯ ކޮންފަރެންސު މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތުގައި 100 ވަރަކަށް ގައުމަކަށް ތިމާވެށި ރައްކާތެރިކޮށް ބަލަހައްޓާ ތަންތަނަށް ބަޔޮސްފިއާގެ ލަގަބު ވަނީ އަރުވާފައެވެ. އައްޑޫ އާއި ފުއްވައްމުލަކަށް މިލަގަބު ލިބުމާއެކު ރާއްޖޭގައި މިހާރު ބާ އަތޮޅު ލައިގެން ތިން ބަޔޮސްފިއާ އޮންނާނެއެވެ.

ބަޔޮސްފެޔަރ ލަގަބު ލިބުނަސް މިހާރުވެސް ސްނޯކެލް ކުރުމާއި މަސް ބާނަން ހުއްދަ ދެވިފައިވާ ސަރަހައްދުތަކުގައި ކުރިއެކޭ އެއްގޮތަށް ސްނޯކެލް ކުރުމާއި މަސް ބޭނުމަށް އާންމުންނަށް ހުރަހެއް ދިމަލެއް ނުވާނެއެވެ. ތިމާވެއްޓަށް ގެއްލުން ނުލިބޭ ގޮތަށް މަސް ބޭނުމާއި ސްނޯކެލްކުރުމަށް އައްޑޫ ނޭޗާ ޕާކުން ހިތްވަރު ދޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މިއަދު ބަޔޮސްފެއަރ ގެ ލަގަބު ލިބުނު ދެއަތޮޅަކީވެސް ޤުދުރަތީ ގޮތުން މުއްސަނދި، ފާހަގަކޮށްލެވޭ ސަރަހައްދުތައް އެކުލެވިގެންވާ ދެ އަތޮޅެވެ. އެގޮތުން ބޮޑެތި ކުޅިތަކާއި، ކަނޑު އަޑީގެ މުއްސަދި ކަމަކީ މިދެއަތޮޅުގެ ރައްޔިތުން ނުހަނު ފަޚުރުވެރިވާ ތަންތަނެވެ.

އަދި ޒަމާނުއްސުރެ އެތަންތަން ބަލަހައްޓަމުން ދަމަހައްޓަމުން އައިސްފައިވާ ތަންތަނެވެ. މިއަދު މި ދެ އަތޮޅަށް ބަޔޮސްފެޔަރ ގެ ލަގަބު ލިބިފައިވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ވަރަށް ގިނަ ބަޔަކު އައްޑުއާއި ފުއްވައްމުލަކުގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތައް ރައްކާތެރިކޮށް ބަލަހައްޓައި ގިނަ ގުނަ މަސައްކަތެއް ކޮށް އެތައް ގުރުބާނީއެއް ވެގެންނެވެ.