Last Updated: July 19, 05:51
Saturday, July 19, 2025
ޚަބަރު

ނިޒާރުގެ ސުވާލެއް: ކަނޑުފޭރުން ރާއްޖޭގައި ހުއްދަވީތޯ؟

ކަނޑުފޭރުން ރާއްޖޭގައި މިހާރު ހުއްދަވީތޯ ސަލާމަތީ ވުޒާރާތަކުގެ އިސްވެރިންގެ ކިބައިން، ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ސުވާލުކުރައްވައިފިއެވެ.

ނިޒާރު މިހެން ވިދާޅުވެފައިމިވަނީ ލ.ގަމާއި 11 މޭލު ބޭރުގައި އެންދަމަން އޮތް މަސް ދޯންޏަކަށް ތޫނު އެއްޗެއްސާއި އެކު ގްރޫޕަކުން އަރައި އެދޯނި ހައިޖެކުކޮށް ފޭރެން އުޅުނު މައްސަލައަށް އިޝާރާތްކޮށެވެ.

އެކަމާ ގުޅިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް ޓިކެޓު ކަށަވަރުކުރައްވާފައިވާ ނިޒާރު ވިދާޅުވީ އެ ދޯންޏަށް ހަތިޔާރާއެކު އަރައި، ކަނޑު ފޭރިގެންގޮސް ދޯނި އަތުލައި ފަޅުވެރިން ރަށުން ބާލާފައިވާ ކަމަށެވެ.

އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ ޓެގް ކުރައްވައި ނިޒާރު ވަނީ ކަނޑު ފޭރުން ރާއްޖޭގައި ހުއްދަވީތޯ ނުވަތަ ގާނޫނު ނަގަހައްޓަން ނުކުޅެނީތޯ ސުވާލު ކުރައްވާފައެވެ.

ރޭ ދަންވަރު 12:30 ހާއިރު ތޫނު އެއްޗެއްސާއި އެކު ގްރޫޕަކުން އަރާފައިވަނީ ސ. ހިތަދޫގައި ދުއްވާ ފަސްކުރި ދޯންޏަށެވެ. އެދޯނި އެވަގުތު އޮތީ ލ. ގަމު "ވަޑިނޮޅު" ކައިރީ އެންދަމަން ދިއްލައިގެންނެވެ.

"ފަސްކުރި" ދޯންޏަކީ މީގެ ދެ އަހަރު ކުރިން ލ.ގަމު މީހަކު ޔޮޓް ޓުއާސްއަށް 7 މިލިއަން ރުފިޔާއަށް ވިއްކާފައިވާ ދޯންޏެކެވެ. އެ ދޯނީ ވިއްކި މީހާ އާޢި ހަވާލާދީ "ވަގުތު" ނޫހުން ބުނެފައިވަނީ ލ. އަތޮޅަށް ދޯނި ވަނުމުން ސުލްހަވެރިކަމާއި އެކު ދޯންޏަށް އަރައި، ދޯންޏާއި ހަވާލުވެފައިވާ ކަމަށެވެ. އަދި ދޯނި ހައިޖެކް ކުރި ވާހަކަ އޭނާ ދޮގު ކުރެއެވެ.

ނަމަވެސް ދޯނީގެ ފަޅުވެރިން އެވާހަކަ ދޮގު ކުރެއެވެ. ދޯނީގެ ފަޅުވެރިން ބުނީ ގާތްގަޑަކަށް 30 މީހުންގެ ބޮޑު ގްރޫޕަކުން ދޯންޏަށް އެރީ ތޫނު ހަތިޔާރާއި އެކު ކަަމަށެވެ. އަދި އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް އެމީހުން ބުނެއެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮޕިޝަލް ވިދާޅުވީ ރޭ 11:55 ހާއިރު ވަޑިނޮޅު ކައިރީގައި އޮތް މަސް ދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ދޯނި ގަމު ތުނޑި އަށް ކައިރިކޮށް، އެ އަށް އިތުރު ބަޔަކު އެރިއަސް އެއްވެސް މާރާމާރީއެއް ހިންގާފައިވާ ނުވާ ކަމަށް ބުންޏެވެ.

"އެހެން ނަމަވެސް ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނި ތެރޭ ހުރުމުން އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ،"

މި މައްސަލައާ ގުޅިގެން މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައިނުވާއިރު، ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.