ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރ.އުނގޫފާރު މޮނިޓަރިން އަށް ލައިފި އެވެ.
އެޗްޕީއޭ މިރޭ ބުނީ އުނގޫފާރަށް އަރައި ފޭބުން މަނާކޮށްް މޮނިޓާ ކުރަން ފެށީ ކޮވިޑާއި ގުޅިގެން ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމުގެ ގޮތުން ކަމަށެވެ.
އުނގޫފާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިމިވަނީ އެ ރަށުން ރެންޑަމްކޮށް ނެގި ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރެންޑަމްކޮށް އެ ރަށުން ސާމްޕަލް ނަގާފައިވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުންދާ ރ.ކުޑަކުރަތުން ބިދޭސީންތަކެއް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
އެޗްޕީއޭގެ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިވަގުތު ރާއްޖޭގެ 22 ރަށެއްގައި ކޮވިޑްގެ 45 އެކްޓިވް ކޭސް އެބަ އުޅެއެވެ. އަދި މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތީ ހދ.ކުޅުދުއްފުށި އެކަންޏެވެ.
ރާއްޖެއިން ކޮވިޑަށް 11،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، 37 މީހަކު ވަނީ ނިޔާވެފައެވެ.