އިދިކޮޅު ފަރާތްތަކަށް މިހާރު ދައުވާތައް ކުރަމުން ދަނީ މި ސަރުކާރު ނޭވާހޮޅިއަށް އެޅުމުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައިމިވަނީ އޭނާގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް މިއަދު މައްސަލަ ފޮނުވުމާ ގުޅިގެންނެވެ. އަދުރޭގެ މައްޗަށް ދައުވާ އުފުލީ ހަޑިހުތުރު އެއްޗިހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމަށް ތުހުމަތުކޮށެވެ.
ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑި ހުތުރު އަމަލުތައް ކުރުމަކީ އާންމު މަސްލަހަތަށް ގެއްލުން ހުރި ކުށުގެ އަމަލެއް ކަމަށްވާއިރު އެ ކުށުގެ އެންމެ ބޮޑު އަދަބަކީ ތިން މަހަށް ޖަލަށްލުމެވެ.
ދައުވާ ކުރަން ފޮނުވުމާ ގުޅިގެން އަދުރޭ މިރޭ "ޗެނަލް 13" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަރުކާރު ގޮސް ހުސްވެ ނޭވާ ހޮޅިއަށް އެޅޭ ހިސާބަށް ގޮސްފައިވާ ކަމަށާއި މި ސަރުކާރުން ރައްޔިތުންނަށް ހިދުމަތެއް ކޮށްނުދެވި، ރައްޔިތުންގެ ކަންބޮޑުވުން އިންތިހާ އަށް ދިޔުމުން އޭގެ އަޑު ކަނޑުވާލުމުގެ ގޮތުން އިދިކޮޅު ފަރާތްތަކަށް ދައުވާކޮށް ބަދުނާމު ކުރަމުންދާ ކަމަށެވެ.
އަދި އިދިކޮޅު ލީޑަޝިޕްގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ކިތަންމެ ދައުވާއެއް ކުރި ނަމަވެސް އެ ކަންކަމާ ކުރިމަތިލާން ތިބީ ވަރަށް ސާބިތުކަމާއެކުގައި ކަމަށް އަދުރޭ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަޑު ކަނޑުވައެއް ނުލެވޭނެ. ހަމަ ދައްކާ ވާހަކަ ދައްކަމުން ގެންދާނަން، ސަރުކާރުން ކުރާ ވިޔާނުދާ ކަންކަމުގެ ވާހަކަ ދައްކާނަން. އެ އަޑު އުފުލާނަން. އަޑު ކަނޑުވާލުމަށް ދައުވާ ކުރާނެ ކަމެއް ނެތް، ދައުވާއެއްގެ ސަބަބުން އަޑެއް ނުކެނޑުވޭނެ" އަދުރޭ ވިދާޅުވިއެވެ.
ދައުވާތައް ކޮށްގެން ބިރު ދައްކަން އުޅުނަސް އެކަން ކާމިޔާބެއް ނުވާނެ ކަމަށާއި މި ސަރުކާރު ދެކެ ބިރު ނުގަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިއަދު ބާރު އޮތުމުން ދައުވާތައްކޮށް ޖަލަށްވެސް ލެވިދާނެ ކަމަށާއި ނަމަވެސް އޭނާ ނެތް ނަމަވެސް ސަރުކާރާ ދެކޮޅަށް އަޑު އުފުލަން އިދިކޮޅުގައި މީހުން ތިބޭނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.