Last Updated: July 19, 05:51
Saturday, July 19, 2025
ޚަބަރު

އުނގޫފާރުގެ ސްކޫލްތައް ބަންދު، ބޭރަށް ނިކުންނައިރު މާސްކު އަޅަން އަންގައިފި

އުނގޫފާރު ސްކޫލް - ފޮޓޯ: އުނގޫފާރު ޑޮޓްކޮމް

ރ.އުނގޫފާރުގެ ސްކޫލްތައް ބަންދުކޮށް، ބޭރަށް ނިކުންނައިރު މާސްކު އަޅަން ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްއީއޯސީން މިކަމަށް އިލްތިމާސްކޮށްފައިވަނީ ރ.އުނގޫފާރުން ނެގި ރެންޑަމް ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ރަށް މިރޭ މޮނީޓަރިންގެ ހާލަތަށް ގެނައުމުންނެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ އެޓޯލް ޕްރިޕެއާޑްނެސް ޓީމުގައި ހިމެނޭ އަބްދުލް މައުރޫފް ވިދާޅުވީ ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނައުމުން އެ ރަށަކަށް އަރައި ފޭބުމާއި އަދި ސްކޫލްތައް ވެސް ބަންދުވާނެ ކަމަށެވެ.

އަދި ބޭރަށް ނިކުންނަނަމަ މާސްކް އެޅުން މިހާރު މަޖުބޫރުވާނެ ކަމަށާއި އެގޮތުން މާސްކް ބޭނުންކުރާއިރު އެ މާސްކަކީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ހުރި މާސްކަކަށްވާން ޖެހޭނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.

އޭގެއިތުރުން ކެފޭ ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ވެސް ހުއްޓިގެންދާނެ ކަމަށާއި ނަމަވެސް ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ދެއްކުމަށް އެރަށަށް ގިނަ ބަޔަކު ކޮންމެ ދުވަހަކުވެސް އަންނައިރު، އެޗްޕީއޭގެ ހުއްދަޔާއެކު ސިއްހީ ކަންކަމަށް އެ ރަށަށް އެރޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެޗްޕީއޭގެ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިވަގުތު ރާއްޖޭގެ 23 ރަށެއްގައި ކޮވިޑްގެ 48 އެކްޓިވް ކޭސް އެބަ އުޅެއެވެ. އަދި މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތީ އުނގޫފާރުގެ އިތުރުން ހދ.ކުޅުދުއްފުށިއެވެ.

ރާއްޖެއިން ކޮވިޑަށް 11،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، 37 މީހަކު ވަނީ ނިޔާވެފައެވެ.