ކުޅުދުއްފުށިން ރެންޑަމްކޮށް ނެގި އިތުރު 100 ސާމްޕަލް ވެސް ކޮވިޑް-19 އަށް ނެގެޓިވްވެފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ އެޓޯލް ޕްރިޕެއާޑްނެސް ޓީމުގައި ހިމެނޭ އަބްދުލް މައުރޫފް ވިދާޅުވީ ކުޅުދުއްފުށިން ރެންޑަމް ސާމްޕަލް ނެގުމުގެ ދެވަނަ ބުރެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި މި ސާމްޕަލްތަކުގެ ތެރޭގައި ކުޅުދުއްފުށީގެ 15 ގެޔަކުން 15 ފަރާތަކާއި، ކެފޭ އާއި ރެސްޓޯރެންޓް އަދި ފިހާރަތަކުން 25 ސާމްޕަލް، ބޭންކް އެއާޕޯޓު ފަދަ ތަންތަނުން 9 ސާމްޕަލް އަދި 11 ޓެކްސީ ޑްރައިވަރެއްގެ ސާމްޕަލް ނެގުނު ކަމަށެވެ.
"މި 100 ސާމްޕަލްގެ ނަތީޖާ ވެސް ވަނީ ނެގެޓިވް ވެފައި" މައުރޫފް ވިދާޅުވިއެވެ.
ކުޅުދުއްފުށިން މިދިޔަ ހަފްތާގައި ނެގި 120 ސާމްޕަލެއް ވެސް ވަނީ ކޮވިޑަށް ނެގެޓިވް ވެފައެވެ.
ރެންޑަމް ސާމްޕަލްތައް ކޮވިޑަށް ނެގެޓިވްވި ނަމަވެސް އަދިވެސް އެ ރަށުގައި ބަލަންޖެހޭ ކަންކަން ބަލަމުންދާނެ ކަމަށާއި އެގޮތުން ފްލޫ ކްލިނިކްތަކަށް ދައްކާ މީހުންގެ ސާމްޕަލްތައް ނެގުން ފަދަ ކަންކަން ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުޅުދުއްފުށިން ޕޮޒިޓިވް ކޭސްތަކެއް ފެނުމުން އެ ރަށް މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.