އައްޑޫ ސިޓީ މީދޫ ބަނދަރުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފިއެވެ.
އެމްޓީސީސީން ބުނީ މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 80 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން، ނެރު ފުންކުރުމުގެ މަސައްކަތުގެ 34 ޕަސެންޓާއި އެއްގަމު ތޮށީގެ މަސައްކަތުގެ 85 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
މީދޫ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.
މި އެއްބަސްވުމުގެ ދަށުން މީދޫގައި އޮތް ބަސްތާ ތޮށިން ހަދާފައި އޮތް ބަނދަރުގެ ތޮށި އާ ކުރުމުގެ މަސައްކަތާއި، ނެރު ބައްތި އަދި ބަނދަރު ސަރަހައްދުގައި ލައިޓު ޖެހުން ހިމެނެއެވެ.
365 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މި މަޝްރޫއުގެ އަގަކީ 35.4 މިލިއަން ރުފިޔާ އެވެ.