ޖުޑީޝަލް ސާވިސް ކޮމިޝަނުގައި (ޖޭއެސްސީ) ތިބެންޖެހެނީ ރޮބަޓުން ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ އާ ގާނޫނު އަސާސީގެ މަސައްކަތް ކުރަމުންދިޔައިރު ޖޭއެސްސީ މިހާރު އޮތް ގޮތަށް އެކުލަވާލަން އޭގައި ލިޔުނީ މި ގައުމުގައި ރަނގަޅު ބަޔަކު ތިބޭނެ ކަމުގެ އުއްމީދުގައި ކަމަށާއި ނަމަވެސް ކަންވީ އެގޮތަށް ނޫން ކަމަށެވެ.
"މީހުންތައް ރަނގަޅު ނުވީމާ ދެން ކިހިނެތް ހަދަންޖެހޭނީ، ރޮބަޓުން ގެންނަންޖެހޭނީ. ޖޭއެސްސީގައި ތިބެންވާނީ އަސްލު ރޮބަޓުން. އިންސާނުން އެތަނަށް ލައިގެން ނުވާނެތާ، އެއީ ފަނޑިޔާރުން ނުލާހިކު ބިރުގަނޭ ޖޭއެސްސީ ދެކެ. ކުރިއަކުން ނުގަނޭ. ފަނޑިޔާރާއި ޖޭއެސްސީ ގުޅިގެން ހުކުމް ކުރުން ވަރަށް ފަސޭހަ ކަމަކަށް ވެފައި އޮންނަނީ ކުރީގަ" ޖާބިރު ވިދާޅުވިއެވެ.
ޖޭއެސްސީގައި ސިޔާސީ މީހުން ތިބެގެން ނުވާނެ ކަމަށާއި އަދި ގަމީސް ބަދަލުކުރާހެން ބަދަލުވާ ތަނަކަށް ވެސް ޖޭއެސްސީ ވެގެން ނުވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވަނީ ވަކިން ހާއްސަކޮށް ބަންޑާރަ ނައިބު ޖޭއެސްސީގައި އިންނަވާތީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.
ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރަން ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގު އެވެ.
ޖޭއެސްސީގައި މިހާރު ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބު ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލިސްގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން އިންތިޚާބު ކުރާ މީހެކެވެ.
ތޯރިގު ހުށަހެޅުއްވި ބިލުގައި ވަނީ ޖޭއެސްސީގައި ތިއްބަވާ މެމްބަރުންގެ އަދަދު 8 އަށް ބަދަލުކުރުމަށް ހުށަހަޅާފައެވެ.
އަދި ޖޭއެސްސީގައި ތިއްބަވާނީ އުއްތަމަ ފަނޑިޔާރާއި، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރަކާއި، ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާއެކު މުސްކުޅި ކޮށްފައިވާ މީހުންގެ ތެރެއިން އެބައިމީހުން އިންތިހާބު ކުރާ މީހަކާއި، ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ވަކީލަކާއި، ޔުނިވާސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ ދާރިސުންގެ ތެރެއިން އިންތިހާބުކުރާ ދާރިސަކާއި، ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ، މަޖިލީހުން ރުހުންދޭ މީހެއް ކަމަށް އެ ބިލުގައި ބުނެފައިވެއެވެ.