އީސީޖީ ދައްކާގޮތުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ހިތް ވަރަށް ރަނގަޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި އިންނަވަނިކޮށް ހާލުކޮޅު ގޯސްވުމާ ގުޅިގެން ޝިޔާމް އަށް މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ޝިޔާމްގެ އީސީޖީ ދައްކާގޮތުން އޭނާގެ ހިތް ވަރަށް ރަނގަޅު ކަމަށާއި ޝިޔާމްގެ ހިތާއި ގުޅޭގޮތުން މީގެކުރިން ވެސް އެއްވެސް މީހެއްގެ ހިތުގައި ޝައްކެއް އުފެދިފައި ނުވާ ކަމަށެވެ.
"އަޅުގަނޑު ހޮސްޕިޓަލުގައި އެދިއްޖައިން އަދި އެއް އީސީޖީ ނަންގަވާލަދެއްވުމަށް. ދެ އީސީޖީ ނަގައިގެން މިކަން ކަށަވަރު ކުރުން އެއީ، ނައިފަރުގެ މެމްބަރުގެ ހިތް މުޅިން ރަނގަޅުތޯ އެބަޖެހޭ ކަށަވަރުކުރަން" ނަޝީދު ވިދާޅުވިއެވެ.
މިއަދު ހެނދުނު ބައްދަލުވިއިރު ޝިޔާމްގެ ހިތް ހެޔޮ ކަމަށާއި ފަހުން ހިތް ހަލާކުވީ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މި ބާވަތުގެ މަޖިލީހެއްގައި އެފަދަ ކަމެއް ވެދާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"ޝިޔާމް މިހާރު ވަނީ ހޮސްޕިޓަލުގައި. އަޅުގަނޑު ދެކެން ވީހާވެސް އަވަހަކަށް ޝިޔާމް އެތަނުން ނުކުންނަވާ ހެޔޮ ހާލުކޮޅުގައި އަނެއްކާވެސް އަޅުގަނޑުމެންނާ ބައްދަލުކުރާނެ ކަމަށް" ނަޝީދު ވިދާޅުވިއެވެ.
ޝިޔާމުގެ ހާލުކޮޅު ދެރަވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިންވަނިކޮށެވެ. އަދި އޭޑީކޭ ހޮސްޕިޓަލަށް ގެންދަން ޝިޔާމް މަޖިލީހުގެ އިދާރާއިން ބޭރަށް ނެރުނީ މެންބަރުންގެ އެހީގަ އެވެ.