ލޯނުތައް ނުދެއްކުނަސް ހަރުމުދާ ބަލައި ޗައިނާގެ ބޭންކުތަކުން ނާންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ދަރަންޏާ ގުޅޭ ގޮތުން މަޖިލީހުން އެކުލަވާލި ރިޕޯޓުގެ ބަހުސްގެ މެދުތެރެއިން ނަޝީދު ވިދާޅުވީ މަޖިލީހުން ސަރުކާރަށް ލަފާ ދެއްވަނީ ކުރިން ޝެޑިއުލްކޮށްފައިވާ ޝެޑިއުލާ އެއްގޮތަށް ދަރަނި ނުދެއްކޭނަމަ އެކަން ގައުމުތަކަށާއި އެގައުމުތަކުގެ ބޭންކުތަކަށް އަންގަމުންދިޔުމަށް ކަމަށާއި އޭރުން ބޭންކުތަކަށް އޮންނާނީ ދެ ގޮތް ކަމަށެވެ.
"އެއްގޮތަކީ ހަރުމުދާ އަނބުރާ ދޭށޭ، އެ ބަލާ އައުން. ދެން އަޅުގަނޑު ދެކޭ ގޮތުގައި ހަރުމުދާ ބަލައެއް ޗައިނާގެ ކޮމާޝަލް ބޭންކަކުން އައުމަށް އޮތް ޖާގައެއް ފުރުސަތެއް އަދި މި ވަގުތަކު އެއީކީއެއް ވެދާނެ ކަމެއްގެ ގޮތުގައެއް ނުފެނޭ. އަދި އެއީ ގައުމުތަކުން ދެކޭ ގޮތެއްވެސް ނޫން 20 ވަނަ ގަރުނުގައްޔާއި 21 ވަނަ ގަރުނުގައި" ނަޝީދު ވިދާޅުވިއެވެ.
އަދި ލޯނު ދެއްކުން ފަސްކުރުމަށް އެދެން ސަރުކާރަށް އިތުުރު ބަޔެއްގެ އިތުބާރު ބޭނުންވާ ކަމަށާއި އެއީ ކުރެވޭނެ ކަމެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. މި ނޫން ގޮތަކަށް މިކަން ކުރަން އުޅެފިނަމަ ރިސްކު ބޮޑުވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އެކުވެރި ބައިވަރު ގައުމުތައް އެބަހުރި، މާލީ އިދާރާތައްވެސް އެބަހުރި މިކަމުގައި ވާހަކަ ދެއްކެން އޮތް" ނަޝީދު ވިދާޅުވި އެވެ.
ދަރަންޏާ ގުޅޭ ގޮތުން މަޖިލީހުން އެކުލަވާލި ރިޕޯޓަކީ، ދައުލަތުން ނަގާފައިވާ ލޯނުތަށް އަނބުރާ ދެއްކުމުގައި އަމަލުކުރާގެ ގޮތާއި، އަދި މިހާރު ހުރި ދަރަނިތަށް މެނޭޖް ކުރުމަށް ކުރަން ހަމަޖެހިފައިވާ ކަންތައްތަކާއި އަދި ދަރަނި މެނޭޖް ކުރުމުގެ ގޮތުން ހުށަހަޅާފައިވާ ރިކޮމެންޑޭޝަންތަކެއް ހިމެނޭ ރިޕޯޓެކެވެ.
އެ ރިޕޯޓުގައިވާ ގޮތުން ދައުލަތުން ދައްކަން ޖެހޭ ޖުމްލަ ދަރަނީގެ އަދަދު 172 ބިލިއަން ރުފިޔާ އަށް އަރައެވެ.