ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރަން ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލު ބަލައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.
މި އިސްލާހުގެ ބިލު ހުށަހެޅުއްވީ ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގު އެވެ. މި އިސްލާހުގެ ބިލު ބަލައިގަތުމަށް ވޯޓަށް އެހުމުން އެއްކޮޅަށް ވޯޓު ދެއްވީ 13 މެމްބަރުންނެވެ. އަދި ދެކޮޅަށް 50 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
ޖޭއެސްސީގައި މިހާރު ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބު ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލިސްގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން އިންތިޚާބު ކުރާ މީހެކެވެ.
ތޯރިގު ހުށަހެޅުއްވި ބިލުގައި ޖޭއެސްސީގައި ތިއްބަވާ މެމްބަރުންގެ އަދަދު 8 އަށް ބަދަލުކުރުމަށް ހުށަހަޅާފައިވެއެވެ.
އަދި ޖޭއެސްސީގައި ތިއްބަވާނީ އުއްތަމަ ފަނޑިޔާރާއި، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރަކާއި، ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާއެކު މުސްކުޅި ކޮށްފައިވާ މީހުންގެ ތެރެއިން އެބައިމީހުން އިންތިހާބު ކުރާ މީހަކާއި، ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ވަކީލަކާއި، ޔުނިވާސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ ދާރިސުންގެ ތެރެއިން އިންތިހާބުކުރާ ދާރިސަކާއި، ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ، މަޖިލީހުން ރުހުންދޭ މީހެއް ކަމަށް އެ ބިލުގައި ބުނެފައިވެއެވެ.
ޖޭއެސްސީ އަށް އައްޔަން ކުރެވޭ މެމްބަރުންގެ ދައުރަކީ ފަސް އަހަރު އެއް ދައުރު ކަމަށާއި، އެ ދައުރު ހަމަވުމުން އެމީހަކު އަލުން އެ ކޮމިޝަނަށް އައްޔަން ނުކުރެވޭނެ ކަމަށްވެސް އެ ބިލުގައި ބުނެފައިވެއެވެ.
އަދި އެ ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި ޖޭއެސްސީގެ ގާނޫނާއި ގަވާއިދު އިސްލާހުކޮށް އެ ގާނޫނުގައިވާ ގޮތުގެ މަތީން ޖޭއެސްސީ އަލުން އެކުލަވާލަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.