ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ގެ މެންބަރުކަމުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދޭން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައްސަދު ޝަރީފެވެ.
މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ މައްސަލަ ހުށަހެޅި ފަރާތަށާއި މައްސަލަ ރައްދުވާ ފަރާތަށް ކުރީގެ ޝަރީއަތުގެ މަޖިލީހުގައި ކުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ފުރުސަތު އަރުވާފައެވެ. އެއަށްފަހު ބެންޗުން ވަނީ މައްސަލައާ ގުޅޭގޮތުން ފަހު ބަސް ވިދާޅުވުމަށް ދެ ފަރާތަށް ވެސް ފުރުސަތު ދެއްވާފައެވެ.
ފަސް ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ މި މައްސަލައިގެ ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދުއެވެ. ސުއޫދު ވަނީ މި މައްސަލައިގައި އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މައްސަލަ ނިންމުން ކަމަށް ވިދާޅުވެފައެވެ.
މި މައްސަލަ ބައްވަލާ ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބަވަނީ އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދާއި، ޑރ.މުހައްމަދު އިބްރާހިިމް އަދި އަލީ ރަޝީދު ހުސައިން އެވެ.
ޔައުގޫބުގެ ގޮނޑިއާ މެދު ސުވާލު އުފެދިފައިމިވަނީ ރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ އިންތިގާލީ ކައުންސިލުގެ މެމްބަރު ކަމަށް އޭނާ ހަމަޖެއްސުމާއި ގުޅިގެންނެވެ.
ގާނޫނު އަސާސީގައި ބުނާގޮތުން މަޖިލީހުގެ މެންބަރަކު މަގާމުގައި ހުރެ މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާ ނުކުރެވޭނެއެވެ. ގާނޫނީ ވަކީލުން މިކަން ފާހަގަކުރަން ފެށުމާއެކު ޔައުގޫބު ވަނީ އެ ކައުންސިލުން އިސްތިއުފާ ދެއްވާފައެވެ.