Last Updated: July 27, 22:53
Sunday, July 27, 2025
ޚަބަރު

"ފަސްކުރި" ދޯނި ވެރިފަރާތާ ހަވާލުކުރުމަށް ކޯޓު އަމުރެއް ނެރެފި

ލ.ގަމާއި 11 މޭލު ބޭރުގައި އެންދަމަން އޮއްވައި އިއްޔެ ރޭ ގްރޫޕަކުން ތޫނު ހަތިޔާރާއި އެކު އަރައި ގަމަށް ގެންދިޔަ "ފަސްކުރި" ދޯނި ވެރިފަރާތާ ހަވާލުކުރުމަށް އަންގައި ގަމު މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

މި އަމުރަށް އެ ކޯޓުގައި އެދިފައިވަނީ އެ ދޯނީގެ ވެރިފަރާތް ކަމަށްވާ އިދުރީސް ހުސެއިން އެވެ. މި އަމުރު ރައްދު ވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.

އިދުރީސް ކޯޓުގައި އެދިފައިވަނީ އޭނާ އާއި ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ހަދާފައިވާ ދޯނި ގަނެ ވިއްކުމުގެ އެއްބަސްވުމުގެ ހަވަނަ މާއްދާގައިވާ ބަޔާންވާ ގޮތަށް މައްސަލަ ރައްދުވާ ފަރާތުން ގަންނަ އަގު ރައްދުކޮށްފައި ނުވާ ކަމަށާއި އެއްބަސްވުމުގެ 7 ވަނަ މާއްދާގައި ބަޔާންވާ ގޮތުގެ މަތީން މައްސަލަ ރައްދުވާ ފަރާތުން އެމްޓީސީސީ އަށް އަށް އިންޖީނުގެ އަގު އަދާކޮށްފައި ނުވާތީ އެއްބަސްވުމުގެ 16 ވަނަ މާއްދާއާ މައްސަލަ ރައްދުވާ ފަރާތުން ހިލާފުވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށެވެ.

އަދި އެއްބަސްވުމުގެ 17 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ގަންނަ އަގާއި، އިންޖީނުގެ އަގު ދެއްކުމާ، މައްސަލަ ރައްދުވާ ފަރާތުން ހިލާފުވެފައިވާ ދުވަހުން ފެށިގެން އެއްބަސްވުމާ މައްސަލަ ރައްދުވާ ފަރާތުން ހިލާފުވެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް ކަނޑައަޅައިދިނުމަށް ވެސް ވަނީ އެދިފައެވެ.

ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ މި މައްސަލަ ވަކިގޮތަކަށް ނިންމުމުގެ ކުރިން މި މައްސަލައިގައި ހިމެނޭ "ފަސްކުރި" ދޯންޏަށް ދޯނީގެ ވެރިފަރާތުގެ އިޒުނައެއް ނެތި އެއްވެސް ފަރާތަކުން އަރައި ފޭބުމާއި މިވަގުތު ދޯނީގައި ތިބި ކަމަށް ބުނާ އެއްބަސްވުމުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ތިންވަނަ ފަރާތް، ދޯނީގައި ތިބުމަކީ ދޯނީގެ ވެރިފަރާތަށް އިޔާދަކުރަން ދަތިވާ ފަދަ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ފެންނަ ކަމަށެވެ.

އެހެންކަމުން ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން ނުވަތަ ޝަރީއަތުން އެހެން ގޮތަކަށް އަންގަންދެން "ފަސްކުރި" ދޯނީގެ ވެރިފަރާތް ކަމަށްވާ އިދުރީސް އަށް ދޯންޏާއި ދޯނީގައިވާ އެންމެހައި ތަކެތި ވަގުތުން ހަވާލުކުރުމަށް ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

އަދި އެ ދޯނީގައި ތިބި މީހުންނާއި އެ މީހުންގެ އަމިއްލަ ތަކެތި ވެރި ފަރާތުގެ ހުއްދަ އާއި އެކު ހަ ގަޑިއިރު ތެރޭގައި ހުސް ކުރުމަށް އަންގާ ކަމަށާއި އެގޮތަށް އަމަލުނުކުރާނަމަ މި އަމުރު ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ފުލުހުންނަށް ވަނީ އަމުރުކޮށްފައެވެ.