Last Updated: July 27, 22:53
Sunday, July 27, 2025
ޚަބަރު

98 ކިލޯ ޑްރަގް މައްސަލާގައި ދޫކޮށްލި މީހަކު ޝަރީއަތް ނިމެންދެން ބަންދަށް

އައްޑޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީ ހާއްސަ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދޫކޮށްލި މީހަކު ޝަރީއަތް ނިމެންދެން ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އެ އޮޕަރޭޝަނުގައި ޖުމްލަ 16 މީހަކު ހައްޔަރުކުރިއިރު، އޭގެތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ދެން ތިބި މީހުން ވަނީ ދޫކޮށްލާފައެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފައިވަނީ ރުޝާން އަހުމަދު ދީދީ އެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ރުޝާން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރުމުން ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ރުޝާންގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ބާވަތާއި، ޒާތަށާއި، މައްސަލައިގެ ވަށައިގެން ހުރި އެންމެހައި ކަންކަމުގެ މައްޗަށް ބަލާއިރު އަދި މި މައްސަލައިގައި ރުޝާންގެ މައްޗަށް ހުށަހެޅިފައިވާ ހެކީގެ ނިސްބަތަށް ބަލާއިރު، އޭނާ މައްޗަށް ކުރެވޭ ތުހުމަތު އެ ގޮތުގައި އޮއްވާ އޭނާ ބަންދުން ދޫވުމަކީ މުޖުތަމަޢުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.

އެހެންކަމުން ރުޝާން ބަންދުން ދޫކޮށްލުމަށް ނެރުއްވާފައިވާ އަމުރަށް ބަދަލު ގެނެސް މިއަދުން ފެށިގެން އޭނާ ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަންއުޅޭ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި ޑްރަގް އިންޓެލިޖެންސް އާއި މެރިން ޕޮލިސް އާއި ސައުތު ޕޮލިސް ޑިވިޜަންގައި ގާއިމްވެތިބޭ ސްޕެޝަލް އޮޕަރޭޝަންގެ ފުލުހުން އަދި ސައުތު ޕޮލިސް ޑިވިޜަން ގުޅިގެން އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހިންގި ޚާއްސަ އޮޕަރޭޝަންގައި ވަގުތީ ބަރުދަނުގައި 98.6 ކިލޯގެ މަސްތުވާތަކެތި ފެނިފައި ވެއެވެ.