ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލައެއްގައި، ކަނޑައެޅިގެން ޤާނޫނާ ޚިލާފަށް އިސްމެޖިސްޓްރޭޓް ޢަބްދުލްފައްތާޙް ޢަމަލުކުރިކަމަށް ބުނާ މައްސަލައެއް ތަޙުޤީޤުކުރުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ތަޙުޤީޤުކުރުމަށް ތަޙްޤީޤު ކޮމިޓީ، މި މަހުގެ 14 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 75 ވަނަ ބައްދަލުވުމުގައި އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.
ގަމު މެޖިސްޓްރޭޓް ކޯޓުގެ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމިއިރު، ލ.ގަމާއި 11 މޭލު ބޭރުގައި އެންދަމަން އޮއްވައި އިއްޔެ ރޭ ގްރޫޕަކުން ތޫނު ހަތިޔާރާއި އެކު އަރައި ގަމަށް ގެންދިޔަ "ފަސްކުރި" ދޯނި ވެރިފަރާތާ ހަވާލުކުރުމަށް އަންގައި ވަގުތީ އަމުރެއް ނެރުނު މައްސަލައާ ގުޅިގެން ވެސް އޭނާގެ މައްސަލައެއް ޖޭއެސްސީ އަށް ވަނީ ހުށަހަޅާފައެވެ.
އެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ރިޗްކްލަބް މޯލްޑިވްސްގެ ފަރާތުންނެވެ.