ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް އައްޑޫ ސިޓީގެ މަސްވެރިންތަކެއް ޙަރަކާތްތެރިވަމުންދިޔަ މަސްދޯންޏަކަށް ތޫނު ހަތިޔާރާއެކު ބަޔަކު އަރައި ހިންގި ޓެރަރިޒަމްގެ ޢަމަލުގެ ތަޙުޤީޤު އަވަސްކޮށްދެއްވުމަށް އައްޑޫ ސިޓީ ކައުންސިލުން ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ޙަމީދާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަޙީދުގެ އަރިހުން އެދިވަޑައިގެންފިއެވެ.
އައްޑޫ ކައުންސިލުން މިއަދު ބުނީ ފިޝަރީޒް މިނިސްޓްރީން ދޫކޮށްފައިވާ ޞައްޙަ ލައިސަންސެއްގެ ދަށުން މަސްވެރިކަމުގެ ޤާނޫނު އާއި އެއްގޮތަށް މަސްވެރިކަން ކުރަމުންދަނިކޮށް، އައްޑޫގެ މަސްވެރިންތަކެއް ޙަރަކާތްތެރިވަމުން ދިޔަ މަސްދޯންޏެއް ކަމަށްވާ "ފަސްކުރި" މަސްދޯނި ލ. އަތޮޅުގައި މަސްވެރިކަމުގައި ޙަރަކާތްތެރިވަމުން ދަނިކޮށް ތޫނު ހަތިޔާރާއެކު ބަޔަކު އެރުމަށްފަހު ހިންގާފައިވާ ޓެރަރިޒަމްގެ ޢަމަލުގެ ތަޙުޤީޤު އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ.
އަދި މި ދޯނީގެ ފަޅުވެރިން މަސްވެރިކަން ކުރުމުގައި ޙަރަކާތްތެރިވަމުން ދަނިކޮށް، އެ ފަރާތްތަކުގެ މަސައްކަތަށް ހުރަސް އެޅި ފަރާތްތަކާމެދު އަވަސް ފިޔަވަޅެއް އަޅުއްވައިދެއްވުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ.
މީގެއިތުރުން ކައުންސިލުން ވަނީ އެ ދޯނީގެ ފަޅުވެރިންނަށް އައްޑޫ އަށް އާދެވެންދެން، އެ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސްގެ އަރިހުން އެދިވަޑައިގެންފައެވެ.
މި ހާދިސާ ދިމާވި އައްޑޫގެ މަސްވެރިންނާއި ޢާއިލާތައް ތިބީ ބިރުވެރިކަމެއްގެ ތެރޭގައިކަން ކައުންސިލުން ފާހަގަކުރެއެވެ. އަދި މި ޢަމަލު އެންމެ ހަރުކަށި އިބާރާތަކުން ކުށްވެރިކޮށް، މި ޢަމަލު ހިންގި ފަރާތްތަކާމެދު ޤާނޫނުގައިވާ ގޮތުގެ މަތިން އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށްވެސް ކަމާބެހޭ އެންމެހައި އިދާރާތަކަށް ކައުންސިލުން ވަނީ ގޮވާލާފައެވެ.
އިއްޔެ ރޭ ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުން ރޭގެ ވަގުތެއްގައި ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ ދެ ފިރިހެނުންނާއި 22 އަހަރުގެ ފިރިހެނުންނެވެ.