ލ. ވަޑިނޮޅި ކައިރީ އެން ހިފަން އުޅެނިކޮށް ތޫނު އެއްޗެއްސާއި އެކު "ފަސްކުރި" ދޯންޏަށް އެރި މައްސަލައާ ގުޅިގެން އިތުރު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެންމެފަހުން މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 21 އަހަރުގެ މީހަކާއި، 22 އަހަރުގެ ދެ މީހުންނާއި، 33 އަހަރުގެ މީހަކާއި، 35 އަހަރުގެ މީހެއް ކަމަށެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ.
އަދި މަސްދޯނި މައްސަލާގައި ރޭ ހައްޔަރުކުރި ތިން މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
"ފަސްކުރި" ދޯންޏަކީ މީގެ ދެ އަހަރު ކުރިން ލ.ގަމު މީހަކު ޔޮޓް ޓުއާސްއަށް 7 މިލިއަން ރުފިޔާއަށް ވިއްކާފައިވާ ދޯންޏެކެވެ. އެ ދޯނީ ވިއްކި މީހާ އާޢި ހަވާލާދީ "ވަގުތު" ނޫހުން ބުނެފައިވަނީ ލ. އަތޮޅަށް ދޯނި ވަނުމުން ސުލްހަވެރިކަމާއި އެކު ދޯންޏަށް އަރައި، ދޯންޏާއި ހަވާލުވެފައިވާ ކަމަށެވެ. އަދި ދޯނި ހައިޖެކް ކުރި ވާހަކަ އޭނާ ދޮގު ކުރެއެވެ.
ނަމަވެސް ދޯނީގެ ފަޅުވެރިން އެވާހަކަ ދޮގު ކުރެއެވެ. ދޯނީގެ ފަޅުވެރިން ބުނީ ގާތްގަޑަކަށް 30 މީހުންގެ ބޮޑު ގްރޫޕަކުން ދޯންޏަށް އެރީ ތޫނު ހަތިޔާރާއި އެކު ކަަމަށެވެ. އަދި އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް އެމީހުން ބުނެއެވެ.
މި ހާދިސާ އާއި ގުޅިގެން ދޯނީގެ ވެރިފަރާތް ކަމަށްވާ އިދުރީސް ހުސެއިން ލ.ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން އިއްޔެ ވަނީ ދޯނީގެ ވެރިފަރާތާއި ދޯނި ހަވާލުކުރުމަށް އަންގައި ވަގުތީ އަމުރެއް ނެރެފައެވެ. މި އަމުރު ރައްދު ވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.
ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ މި މައްސަލަ ވަކިގޮތަކަށް ނިންމުމުގެ ކުރިން މި މައްސަލައިގައި ހިމެނޭ "ފަސްކުރި" ދޯންޏަށް ދޯނީގެ ވެރިފަރާތުގެ އިޒުނައެއް ނެތި އެއްވެސް ފަރާތަކުން އަރައި ފޭބުމާއި މިވަގުތު ދޯނީގައި ތިބި ކަމަށް ބުނާ އެއްބަސްވުމުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ތިންވަނަ ފަރާތް، ދޯނީގައި ތިބުމަކީ ދޯނީގެ ވެރިފަރާތަށް އިޔާދަކުރަން ދަތިވާ ފަދަ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ފެންނަ ކަމަށެވެ.
އެހެންކަމުން ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން ނުވަތަ ޝަރީއަތުން އެހެން ގޮތަކަށް އަންގަންދެން "ފަސްކުރި" ދޯނީގެ ވެރިފަރާތް ކަމަށްވާ އިދުރީސް އަށް ދޯންޏާއި ދޯނީގައިވާ އެންމެހައި ތަކެތި ވަގުތުން ހަވާލުކުރުމަށް ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
އަދި އެ ދޯނީގައި ތިބި މީހުންނާއި އެ މީހުންގެ އަމިއްލަ ތަކެތި ވެރި ފަރާތުގެ ހުއްދަ އާއި އެކު ހަ ގަޑިއިރު ތެރޭގައި ހުސް ކުރުމަށް އަންގާ ކަމަށާއި އެގޮތަށް އަމަލުނުކުރާނަމަ މި އަމުރު ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ފުލުހުންނަށް ވަނީ އަމުރުކޮށްފައެވެ.