ޕީޕީއެމްގެ ވެރިކަމެއްގައި ރާއްޖޭގެ އިގްތިސާދު އަލުން ސަލާމަތްކޮށްދެއްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ޔާމީން މިހެން ވިދާޅުވީ، ޕީޕީއެމްގެ ނުވަ އަހަރީ ދުވަހާއި ގުޅުވައިގެން އެމަނިކުފާނުގެ ގާނޫނީ ވަކީލުން މެދުވެރިކުރައްވާ އާއްމު ކުރެއްވި މެސެޖެއްގައެވެ.
ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް މަސައްކަތްކުރައްވާ، ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޔާމީން މާފުށީ ޖަލުގައި މިއަދުވެސް އެ ހުންނެވީ ރައްޔިތުންނަށްޓަކައި ސާބިތުކަމާއިއެކުގައި ކަަމަށެވެ.
އަދި ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނަށް ޔާމީން މިއަދު މެސެޖެއް ދެއްވި ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
އެ މެސެޖުގައި ޔާމީން ވިދާޅުވީ ރާއްޖެ އަށް އިޤްތިޞާދީ ތަރައްޤީ އާއި ކުރިއެރުން ގެނެސްދެވުނު ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށާއި އަނެއްކާވެސް އަލުން ޕީޕީއެމް އަށް ރާއްޖޭގެ އިޤްތިޞާދު ސަލާމަތްކޮށް، ޝަރުޢީ އަދި ޤާނޫނީ ދާއިރާ އަށަ މާނަވީ އިޞްލާޙްތައް ގެނެސް، ސިޔާސީ ފަރާތްތަކުގެ ވަކިތަކުން ޖޭއެސްސީ މިންޖުކޮށްދެވޭނެ ކަމަށެވެ.
އަދި ހުރިހާ ބޭފުޅުން ގުޅިގެން ކުރަމުންގެންދާ މަސައްކަތް ކުރިއަށް ގެންދިޔުމަށް ޔާމީން ވަނީ އެދިފައެވެ.
"ދިވެހިރާއްޖެ އަށް އިޤްތިޞާދީ ތަރައްޤީ އާއި ކުރިއެރުން ގެނެސްދެވުނު ހަމައެކަނި ޕާޓީއަކީ ޕީޕީއެމް. މާތް ﷲ ގެ އިރާދަފުޅާއެކު، އަނެއްކާވެސް އަލުން ޕީޕީއެމް އަށް ރާއްޖޭގެ އިޤްތިޞާދު ސަލާމަތްކޮށް، ޝަރުޢީ އަދި ޤާނޫނީ ދާއިރާ އަށަ މާނަވީ އިޞްލާޙްތައް ގެނެސް، ސިޔާސީ ފަރާތްތަކުގެ ވަކިތަކުން ޖޭއެސްސީ މިންޖުކޮށްދެވޭނެ. ހުރިހާ ބޭފުޅުން ގުޅިގެން ކުރަމުންގެންދާ މަސައްކަތް ކުރިއަށް ގެންދަވާ! މާތް ﷲ ގެ އިރާދަފުޅާއެކު، އެ މަސައްކަތުގެ ފޮނިމީރުކަން ލިބޭނެ" ޔާމީންގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.