Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ސަރުކާރުން ޝަރުއީ ނިޒާމު ޕެރެލައިޒް ކޮށްލައިފި: އިދިކޮޅު

ޖުޑިޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާގޮތް ބަދަލުކުރުމަށް ޤާނޫނުއަސާސީއަށް ހުށައެޅި އިޞްލާޙުގެ ބިލު ބޭރުކޮށްލުމުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން އެމްޑީޕީ އަށާއި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އެ އިސްލާހުގެ ބިލު ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގު އެވެ. އެ އިސްލާހު ބަލައިގަތުމަށް މިއަދު ވޯޓަށް އެހުމުން އެއްކޮޅަށް ވޯޓު ދެއްވީ 13 މެމްބަރުންނެވެ. އަދި ދެކޮޅަށް 50 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

އެކަމާ ގުޅިގެން އިދިކޮޅުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި ބިލުގެ ބަހުސްގައި ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ އެއްވެސް މެންބަރަކު ބައިވެރިވެފައި ނުވާ ކަމަށާއި އަދި އެމްޑީޕީގެ މެންބަރުންވަނީ ޕީޕީއެމްއާއި ޕީއެންސީން މިބިލަށް ވާހަކަ ދެއްކެވި މެންބަރުންނަށް ހުރަސްއަޅާފައި ކަމަށެވެ.

ޖޭ.އެސް.ސީ އިޞްލާޙު ކުރުމަކީ މިސަރުކާރުގެ ރިޔާސީ ވަޢުދެއް ކަމަށާއި އަދި ވެރިކަމާއި މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުމާ ހަމައަށް އެމްޑީޕީން ތަކުރާރުކޮށް ދައްކަމުންދިޔަ ވާހަކައަކީ ޖޭ.އެސް.ސީ، ސިޔާސީ ނުފޫޒުން މިނިވަންކުރުމުގެ ވާހަކައާއި އެމްޑީޕީގެ ވެރިކަމެއްގައި އެކޮމިޝަން އެކުލެވިގެންވާގޮތް ބަދަލުކުރާނެ ވާހަކަ ކަމަށް އިދިކޮޅުން ބުނެއެވެ.

"ނަމަވެސް މިސަރުކާރަށް ހުރިހާ ބާރެއް ލިބުމުން، މިއަދު އިދިކޮޅު ކޯލިޝަނުން ޖޭ.އެސް.ސީ އިޞްލާޙު ކުރުމަށް ހުށައެޅި ބިލު ބޭރުކޮށްލުމަކީ، ޝަރުޢީ ދާއިރާ ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމުގެ ނަމުގައި އެމް.ޑީ.ޕީން ދައްކަމުންދިޔަ ވާހަކަތަކަކީ އެއްވެސް އިޚްލާޞްތެރި ނިޔަތެއް ނެތި ދައްކަމުންދިޔަ ވާހަކަތަކެއްކަން ހާމަވާ ކަމެކެވެ. އަދި އެމްޑީޕީއާއި މިސަރުކާރުގެ ނުފޫޒު ޝަރުޢީ ނިޒާމަށް އިންތިހާއަށް އޮތްކަމާއި ސިޔާސީ ނުފޫޒުން ޝަރުޢީ ނިޒާމު މިނިވަންކުރަން ބޭނުންނުވާކަން ދިވެހި ލޮބިވެތި ރައްޔިތުންނަށް އިތުރަށް ހާމަވެގެން ދިޔަ ކަމެކެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގައި ޖޭއެސްސީގެ ބާރުތައް ބަޔާން ކުރެވިފައިވީ ނަމަވެސް ސަރުކާރުން އެ ބާރުތައް މަސްހުނިކޮށް، ޖޭ.އެސް.ސީ މެދުވެރިކޮށް ރާއްޖޭގެ ޝަރުޢީ ނިޒާމް ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލައި، ފަނޑިޔާރުންނަށް އިންޞާފުވެރި ޙުކުމެއް ނުކުރެވޭ މިންވަރަށް ޝަރުޢީ ނިޒާމް ޕެރެލައިޒްކޮށްލާފައި ކަމަށް އިދިކޮޅުން ބުނެއެވެ.

"ރައްޔިތުންނަށް ވަޢުދު ވެފައިވާގޮތަށް، ޝަރުޢީ ދާއިރާ މިނިވަންކުރުމަށާއި ނުފޫޒުން އެއްކިބާވެފައިވާ ޝަރުޢީ ނިޒާމެއް ޤާއިމްކުރުމަށްޓަކައި ޖޭ.އެސް.ސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގޮވާލަމެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް އިޚްލާޞްތެރިކަމާއެކު ފުއްދުމަށް ގޮވާލަމެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.