ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާ ކަމަށާއި، ހާލުކޮޅު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިރޭ ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިންވަނިކޮށް ހާލުކޮޅު ގޯސްވުމާ ގުޅިގެން ޝިޔާމް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްގެން ފަރުވާ ދޭން ފެށީ މިއަދު ހެނދުނެވެ.
އިދިކޮޅުން ބުނީ ޝިޔާމްގެ ޓެސްޓުތަކެއް ހަދައި އިތުރަށް ޗެކުކޮށްލަން ބޭނުންވާތީ އޭޑީކޭގައި އެޑްމިޓްކޮށްފައިވާ ކަމަށާއި ޝިޔާމްގެ ޓެސްޓުތަކުން ކޮވިޑަށް ނެގެޓިވްވެ ހާލުކޮޅު ރަނގަޅުވަމުންދާ ކަމަށެވެ.
އަދި މިއަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުމުގައި ޝިޔާމްގެ މައިބަދައަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ އަށް ސިއްހީ އެކިއެކި މައްސަލަތައް ކުރިމަތިވަމުންދާ ކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.
މީގެއިތުރުން އިދިކޮޅުން ވަނީ ޝިޔާމްގެ ހާލުކޮޅު ގޯސްވުމާ ގުޅިގެން އަވަސް ޝިފާއަކަށް އެދި މެސެޖުތައް ފޮނުވި ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކޮށްފައެވެ.