Last Updated: April 18, 13:36
Thursday, April 18, 2024
ޚަބަރު

ފަނޑިޔާރު ގެތަށް ކޮރަޕްޝަންގެ "އައްޑާ" އަކަށް ބަދަލުކުރީ ޔާމީން

ފަނޑިޔާރު ގެތަށް ކޮރަޕްޝަންގެ "އައްޑާ" އަކަށް ބަދަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ޝަރުޢީ އަދި ޤާނޫނީ ދާއިރާ އަށް މާނަވީ އިޞްލާޙްތައް ގެނެސް، ސިޔާސީ ފަރާތްތަކުގެ ވަކިތަކުން ޖޭއެސްސީ މިންޖުކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނަށް ޔާމީން ފޮނުއްވި މެސެޖެއްގައި ވިދާޅުވުމާ ގުޅިގެންނެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ނަޝީދު މިރޭ ވިދާޅުވީ ރާއްޖެ ބަނގުރޫޓު ކޮށްފައި، ފަނޑިޔާރުގެތައް ކޮރަޕްޝަންގެ އައްޑާ ތަކަކަށް ބަދަލުވީ ޔާމީންގެ އިރުޝާދާއި، ލަފަޔާއި، އެންގުމާއި، ބައިވެރިވުމުގެ ތެރެއިންކަން ދިވެހިން ވަރަށް ރަނގަޅަށް ދަންނަ ކަމަށެވެ.

"ޕީޕީއެމްގެ ވެރިކަމުގައި ކަންވީ ގޮތް ރައްޔިތުންނަށް މާބޮޑަށް ވެސް އެނގޭ" ނަޝީދު ވިދާޅުވިއެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށްވާއިރު، 19 ވަނަ ރައްޔިތުންގެ މަޖިލީހާއެކު ޖޭއެސްސީގެ މެމްބަރުންނަށް ވެސް އައި ބަދަލާއެކު ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަތައް އަންނަނީ ބަލައި ފިޔަވަޅު އެޅުމުގެ އިތުރުން މަގާމުން ވެސް ވަކިކުރަމުންނެވެ. އެގޮތުން ސުޕްރީމް ކޯޓުގައި ކުރީގައި އޮތް ބެންޗު މުޅިން އެއްކޮށް މިހާރު ވަނީ ބަދަލުކޮށްފައެވެ.

ނަމަވެސް އިދިކޮޅުން އަންނަނީ ޖޭއެސްސީން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި، ސަރުކާރުން ބޭނުންވާ ގޮތަށް މައްސަލަތައް ނިންމުމަށް ބާރުއަޅާ ކަމަށް ތުހުމަތު ކުރަމުންނެވެ. ވަކިން ހާއްސަކޮށް ހައިކޯޓުގައި މިހާރު އޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ވަކި ގޮތަކަށް ނިންމަން ޖޭއެސްސީން ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.