Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މިޔުޒިކް އަޑުއަހާލައި، ހާސްކަމެއް ނެތި މަޖާކޮށްލުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު - ފޮޓޯ: މަޖިލިސް

މިޔުޒިކް އަޑުއަހާލައި، ހާސްކަމެއް ނެތި މަޖާ ކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައި ވަނީ މާލެ އަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލު ހޯދައި ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ވެސް ހާސްކަމުގެ ތެރޭގައި މާލޭގައި އުޅެން ޖެހިފައިވާ ޒުވާނުންނަށް އެ ހާސްކަމުން މިންޖުކުރެވޭނެ މަރުކަޒެއް ބޭނުންވެފައިވާ ކަމަށެވެ.

އެގޮތުން ޒުވާނުންނާއި ރައްޓެހިންނާއި އެކުވެރިންނާއެކު ހީނ، ސަމާސާކޮށް، މަޖާކޮށްލެވޭ ފަދަ މާހައުލެއް މިޔުޒިކް އަޑުއަހާލައި، ވަގުތު ހޭދަކޮށްލެވޭނެ މަރުކަޒަކަށް މިއަދު މާލޭގައި އުޅޭ ޒުވާނުން އިންތިހާ އަށް ބޭނުންވެފައިވާ ކަމަށެވެ.

ތަފާތު ވައްތަރުގެ މިޔުޒިކާއި ލަވަ އަޑުއަހާލަން ޒުވާނުން އެއްވެ އުޅެވޭނެ ތަނެއްގެ މުހިންމުކަން އިތުރުވެފައިވާ ކަމަށް ވިދާޅުވެ ހަސަން ލަތީފްގެ ގަރާރުގައި ޒުވާނުންގެ ތެރޭގައި އާދަޔާ ހިލާފު ފަންނުތަކާއި ހުނަރުތައް ހުންނަ ޒުވާނުން އުޅޭ ކަމަށް ބުނެފައިވެއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުޅިވަރާއި ޒުވާނުންގެ މިނިސްޓަރުކަން ވެސް ކުރެއްވި ހަސަން ލަތީފު ހުށަހެޅުއްވި ގަރާރު މާދަމާ އޮންނަ މަޖިލިސް ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފައެވެ.