Last Updated: July 19, 13:10
Saturday, July 19, 2025
ޚަބަރު

ނަސީމަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ އަށް

އަހުމަދު ނަސީމު - ފޮޓޯ: މަޖިލިސް

އާ ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް މިއަދު ފޮނުވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުވި ސީޓީފުޅުގައި ވިދާޅުވީ ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ނަސީމަށް މަޖިލީހުން ރުހުން ދިނުމާ ބެހޭ މައްސަލަ ދިރާސާ ކުރައްވައި ގޮތެއް ނިންމަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެހެންވެ މަޖިިލީހުގެ ރިޔާސަތުން ވަނީ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވާފައެވެ.

ހެލްތު މިނިސްޓަރު ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ނަސީމް މީގެ ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަޤާމުގައެވެ. އެ މަނިކުފާނު ވަނީ، 2011 ވަނަ އަހަރު މާރިޗު މަހުގެ 21 ވަނަ ދުވަހުން ފެށިގެން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމު ފުރުއްވާފައެވެ.

އަދި އޭގެ ކުރިން އަޙްމަދު ނަސީމް ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަޤާމު ވެސް ފުރުއްވާފައެވެ. އެ މަނިކުފާނު ސަރުކާރުގެ ޚިދުމަތާއި ގުޅިވަޑައިގަތީ 1966 ވަނަ އަހަރުއެވެ.