Last Updated: July 19, 12:08
Saturday, July 19, 2025
ޚަބަރު

ހަނިމާދޫ އާއި ފުޅަދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ހދ.ހަނިމާދޫ އާއި ބ.ފުޅަދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 25 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން މި މަޝްރޫޢުގެ ތެރެއިން ފަޅު ފުންކުރުމުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއު ނިމޭއިރު ހަނިމާދޫ ބަނދަރުގައި 355 މީޓަރުގެ ބޭރުތޮއްޓެއް ލާނެ ކަމަށާއި އަދި 270 މީޓަރުގެ އެއްގަމު ތޮއްޓަކާއި 50 މީޓަރުގެ ރިވެޓްމެންޓް ޖަހާނެ ކަމަށް އެމްޓީސީސިން ބުނެއެވެ. އަދި 270 މީޓަރުގެ އެއްގަމު ތޮށި ގާއިމްކޮށް 1015 މީޓަރުގެ ސަރަހައްދެއްގައި މޭވްމެންޓު ގާއިމް ކުރާނެ އެވެ. މި މަޝްރޫއަށް 57.1 މިލިއަން ރުފިޔާ ހަރަދު ކުރެއެވެ.

އަދި ފުޅަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 50 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ. އެގޮތުން މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 87 ޕަސެންޓް މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ފުޅަދޫ ބަނދަރު 54،861 ކިއުބިކް މީޓަރަށް ހިއްކާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެރަށުގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވަނީ 108 މީޓަރަށް ކަމަށާއި ރިވެޓްމަންޓް ޖެހުމަށް ހަމަޖައްސާފައިވަނީ 302 މީޓަރުގެ ސަރަހައްްދެއްގައި ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. އަދި އެތެރެ ތޮށި ލުމަށް ހަމަޖައްސާފައިވަނީ 223 މީޓަރަށް ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަސައްކަތްތަކުގެ އިތުރުންވެސް އެރަށު ބަނދަރު ބައްތި ޖެހުމާއި ނެރު ބައްތި ހަރުކުރުމުގެ އިތުރުން ރޭމްޕެއް ލުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 390 ދުވަސް ތެރޭ ނިންމުމަށެވެ.