Last Updated: July 25, 18:58
Friday, July 25, 2025
ޚަބަރު

އަދާލަތު ޕާޓީގެ ކޮންގްރެސް ފެބްރުއަރީގައި

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އަދާލަތު

ޢަދާލަތު ޕާޓީގެ ޤައުމީ މަޖިލިސް އަންނަ އަހަރުގެ ފެބުރުއަރީގައި ބޭއްވުމަށް ނިންމައިފިއެވެ.

އަދާލަތު ޕާޓީން ބުނީ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 26 އަދި 27 ގައި ކަމަށެވެ.

އަދި ޤައުމީ މަޖިލީހުގެ ކުރިން، ޕާޓީގެ ރައީސާއި، ނައިބު ރައީސް ކަމުގެ އިންތިޚާބާއި، ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީގެ އިންތިޚާބު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އަދާލަތުން ބުނެއެވެ. އޭގެ އިތުރުން، ޢަދާލަތު ޕާޓީގެ ޒުވާނުންގެ މަޖިލީހާއި، އަންހެނުންގެ މަޖިލީހާއި، ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލެވޭނެ ކަމަށް އެ ޕާޓީން ބުނެއެވެ.

ޤައުމީ މަޖިލީހަކީ ކޮންމެ ދައުރެއް ނިމުމުން ބޭއްވުމަށް ޢަދާލަތު ޕާޓީގެ ދުސްތޫރު ބަޔާންކޮށްފައިވާ ޕާޓީގެ އެންމެ އިސް ރުކުން ކަމަށް އެ ޕާޓީން ހާމަކުރެއެވެ.

އެގޮތުން ޤައުމީ މަޖިލީހުގައި ޢިލްމުވެރިންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި މަޝްވަރާ މަޖިލީހުގެ ހުރިހާ މެންބަރުންނާއި ފަނޑިޔާރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި އިދާރީ މަޖިލީހާއި އަންހެނުންގެ މަޖިލީހާއި ޒުވާނުންގެ މަޖިލީހުގެ އިތުރުން ދާއިރާތަކާއި ގޮފި ތަކުގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.