މިފަހަކަށް އައިސް އިސްލާމްދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރުމުގެ އަމަލުތައް އިތުރުވަމުންދާތީ ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެކަމާ ގުޅިގެން ރާއްޖެއިން ނެރުނު ބަޔާނެއްގައި ބުނީ އެފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މިފަދަ ކަންކަމަކީ ނަފްރަތު އުފެއްދުން ނޫން ކަމެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ.
އަދި އިސްލާމްދީނަށާއި ކީރިތި ރަސޫލާ އަށް ބަދު ބަސް ބުނެ ފާޅުކުރާ ހިޔާލުތަކާއި ކުރެހުންތަކަކީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އުޒުރު ނުދެއްކޭނެ ކަމަށްވެސް ރާއްޖެއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަކީ އިންސާނީ މުހިއްމު ހައްގެއްގެ ގޮތުގައި ރާއްޖެއިން ބަލައިގަންނަ ކަމަށާއި ނަމަވެސް ހިޔާލުފާޅުކުރުމުގެ ނަމުގައި ނުވަތަ ދީނުގެ ނަމުގައި ވެސް ކުރާ ހައްދުފަހަނައެޅުމުގެ ކަންކަމަށް ރާއްޖެއިން ދެކޮޅު ވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެއިތުރުން ޓެރަރިޒަމްގެ އަމަލުތައް ކުށްވެރިކޮށް، ޓެރަރިޒަމާއި ހައްދުފަހަނައެޅުމާއި ދެކޮޅަށް ކުރާ މަސައްކަތަށް ރާއްޖެއިން އެހީވާނެ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ޓެރަރިޒަމްގެ އަމަލުތަކާއި އިސްލާމްދީނާއި ގުޅުވައި ދައްކާ ވާހަކަތަކަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށް ރާއްޖޭގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ބަޔާނުގައި ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަމަނުޖެހުމަށް މަގުފަހިވާނެ ފަދަ ގޮތަކަށް ބޭނުން ނުކުރުމަށް ވެސް ގޮވާލާފައެވެ.