Last Updated: July 25, 18:42
Friday, July 25, 2025
ޚަބަރު

ބްރޯޑްކޮމް އިން ޒީނާ އިސްތިއުފާ ދެއްވައިފި

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމުން ޒީނާ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް އޭނާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޒީނާ ވަނީ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވާފައެވެ.

އެ ސިޓީގައި ޒީނާ ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އޭނާ ވަކިކުރުމަށް ނިންމި ނިންމުމަކީ އިންސާފުވެރި ނިންމުމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ކުރެވިފައިވާ ތުހުމަތުތައް ވެސް ޒީނާ ވަނީ މި ސީޓީގައި ދޮގުކުރައްވާފައެވެ.

ޒީނާ މަގާމުން އިސްތިއުފާ ދެއްވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބްރޯޑްކޮމް އަށް އައްޔަންކުރި ހުރިހާ މެންބަރުންވެސް މިހާރު ވަނީ އެ ކޮމިޝަނުން ބޭރުކޮށްލާފައެވެ. މިހާރު އެ ކޮމިޝަނުގައި ތިއްބެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި ބޭފުޅުންނެވެ.