ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނޫނު އަސާސީ އަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި އިސްލާހުގެ ބިލު މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މި އިސްލާހުގެ ބިލު ބަލައިގަތުމަށް މިއަދު އެހުނު ވޯޓުގައި، ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ. އިސްލާހުގެ ބިލު ބަލައިގަތުމާ ދެކޮޅަށް ވަނީ 51 މެމްބަރުން ވޯޓު ދެއްވާފައެވެ.
ޖާބިރު ހުށަހެޅުއްވި ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލުގައި ބުނީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ކަނޑައެޅިފައިވީ ނަމަވެސް ގާނޫނު އަސާސީގެ އެއްވެސް ހިސާބެއްގައި ވެރިކަންކުރާ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ކަނޑައަޅައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.
އަދި މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ތަސްދީގު ކުރެވުނު ފަހުން ބޭއްވުނު ރިޔާސީ އިންތިހާބުތަކުގެ މައްޗަށާއި، ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަ ގޮތަށް ބަލައި ވިސްނާލާއިރު، ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަނީ ބަރުލަމާނީ ނިޒާމުގެ ސިފަތަކުގެ މައްޗަށް ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ރާއްޖޭގައި ހިންގަމުން އަންނަ ވެރިކަމަކީ ރިޔާސީ ނިޒާމެއްގެ ފުރިހަމަ ސިފައިގައި ހިންގަމުން އަންނަ ވެރިކަމަކަށް ނުވާތީ އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިގެންދާ ގެއްލުމާއި ނިކަމެތިކަން ދުވަހުން ދުވަހަށް ބޮޑުވަމުން އަންނައިރު ރައްޔިތުންނަށް ލިބޭ ގެއްލުމުން ސަލާމަތްވާނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުވެގެން ދިޔުމުން ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
މީގެއިތުރުން ބަރުލަމާނީ ނިޒާމެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިހާބު ކުރާނެ ކަމަށާއި އަދި ރައްޔިތުން އިންތިހާބުކުރާ ރައްޔިތުންގެ މަޖިލިސް ވެސް އޮންނާނެތީ މި އިސްލާހު ގެނައުމަކީ ގާނޫނު އަސާސީއާ ތައާރުޒު ވާނެ ކަމެއް ކަމަށް ނުބެލެވޭ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމުގެ މައްޗަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެރިކަން ހިންގައި، އެގައުމުތައް ބޮޑުތަނުން ކުރިއަރައި ރައްޔިތުންނަށް އެކަމުގެ ސަބަބުން އޮތް ހިތްހަމަޖެހުންތައް ފެންނަމުންދާތީ އާއި ބަރުލަމާނީ ނިޒާމަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމު ކަމަށް ފެންނާތީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުން ގާނޫނު އަސާސީ އަށް އިސްލާހު ހުށަހަޅުއްވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.