އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ރައީސް އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ޕޮމްޕޭއޯ ވަނީ ސޮއިކުރައްވާފައެވެ.
ރައީސް ސޯލިހުގެ އިތުރުން ފޮރިން މިނިސްޓަރު ޝާހިދުއާއެކު ޕޮމްޕޭއޯ މިއަދު ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ.
މި މަޝްވަރާތަކުގައި ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ކުރިމަގުގައި ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެބޭފުޅުން ވާހަކަފުޅު ދައްކަވާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 1992 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކަރ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.