Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

ރާއްޖޭގައި އެމެރިކާގެ އެމްބަސީ އެއް ހުޅުވަނީ

މައިކް ޕޮމްޕޭއޯ - ފޮޓޯ: ރައީސް އޮފީސް

އެމެރިކާގެ ރެޒިޑެންޓް އެމްބަސީއެއް ރާއްޖޭގައި ހުޅުވަން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕެއޯ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމަށްފަހުއެވެ.

ރައީސް އޮފީހުން ބުނީ އެކަމުން ރަމްޒު ކޮށްދެނީ ދެ ގައުމުގެ ބަދަހިވަމުންދާ ގުޅުމުގެ ގާތް ކަން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިވެހިންނަށް އެގައުމުގައި މަތީ ތައުލީމު ހާސިލު ކުރުމަށާއި އެމެރިކާ ރައްޔިތުންނަށް ރާއްޖެ އައުމަށް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެމެރިކާގެ އެމްބަސީ އެއް ހުޅުވަން ނިންމާފައިވާއިރު ދާދިފަހުން އިނގިރޭސިވިލާތުގެ އެމްބަސީއެއް ވެސް ރާއްޖޭގައި ވަނީ ހުޅުވައިފައެވެ.

ޕޮމްޕެއޯ ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދެކަނބަލުންނެވެ. މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޝާހިދުއާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ.

މި މަޝްވަރާތަކުގައި ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ކުރިމަގުގައި ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެބޭފުޅުން ވާހަކަފުޅު ދައްކަވާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 24 ޖުލައި 1992ގައި އެމެރިކާގެ އޭރުގެ ސެކެޓްރީ އޮފް ސްޓޭޓް ޖޭމްސް ބޭކާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.