Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ދަރަނި ދެއްކުން ފަސް ކޮށްދިނުމަށް ޖީ20 ގައި ރާއްޖެއިން އެދިއްޖެ

ޖީ20 ގެ ގައުމުތަކުގެ އަތުން ރާއްޖެއިން ނަގާފައިވާ ދަރަނިތައް މިއަހަރު ނިމެންދެން ފަސް ކޮށްދިނުމަށް ރާއްޖެއިން އެދިއްޖެއެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ އާއެކު މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހު ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މިއަހަރު ނިމެންދެން ދަރަނިތައް އަނބުރާ ދައްކަން ފެށުން ފަސްކޮށްދޭން ރަސްމީކޮށް އެދިފައި ވާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ އެހެން ގައުމުތަކެކޭ ވެސް އެއްފަދައިން ކޮވިޑް19 ގެ ސަބަބުން ރާއްޖެއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެކަންކަމުން އަރައިގަތުމަށް ރާއްޖެއަށް ވަގުތާއި އެހީތެރިކަން ބޭނުންވާ ކަމަށެވެ.

މިނިސްޓަރު ޝާހިދު ވަނީ އެކަމުގައި އެމެރިކާގެ އެހީތެރިކަމަށް އެދިފައެވެ. ޝާހިދު ވިދާޅުވީ ޖީ20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް (ޑީއެސްއެސްއައި) ގައި ރާއްޖެއިން މިހާރު ބައިވެރިވެފައިވާ ކަމަށެވެ. އެ ނިޒާމަކީ ދަރަނި މެނޭޖު ކުރުމަށް އެހީވުމަށް ވޯލްޑް ބޭންކާއި އައިއެމްއެފް އިން ގޮވާލުނުން އުފައްދާފައިވާ ނިޒާމެކެވެ.