Last Updated: April 20, 11:49
Saturday, April 20, 2024
ރިޕޯޓް

ޓްރަމްޕުގެ ޚާރިޖީ ސިޔާސަތުގެ ކާލާ މަންނަޔަކަށް ދިވެހިރާއްޖެ!



ދިވެހިރާއްޖޭގެ ގަޑިން މިއަދު މެންދުރު ދޭއްޖެހިއިރު ހުޅުލޭ އެއަރޕޯޓަށް ޖެއްސި ބޯޓަކުން ފޭބިމީހަކީ މިވަގުތު އެމެރިކާގެ ޚާރިޖީ ވަޒީރު ކަމުގައި ހުންނެވި މައިކް ޕޮމްޕެއޯއެވެ. އެމަގާމުގައި ހުންނަ މީހަކު ރާއްޖެ އައުމަކީ ވަރަށްވެސް ނުވާ ކަމެކެވެ.

ފުރަތަމަ ފަހަރަށް އިރާގު ފުނޑާލައިފައި އެމެރިކާގެ ތަސްވީރު ގިރިޓީ ކުރުމުގެ މަސައްކަތުގެ ތެރެއިން ޖޭމްސް ބޭކަރު މިރާއްޖެއަށް އައެވެ. އޭގެ ފަހުން ސައްދާމަށް ހެދިއެއްޗެއް ހަދައިފައި އިސްލާމީ ދުނިޔޭގައި އެމެރިކާގެ ނަން ދެމެހެއްޓޭތޯ ކުރި މަސައްކަތުގެ ތެރެއިން ކޮލިން ޕަވަލްވެސް އައެވެ. އޭގެ އެތައް އަހަރެއް ފަހުން މައިކް ޕޮމްޕެއޯ މިއައީ ކޮންބޭނުމަކާއިގެން ބާވައެވެ. ސަހަލު ބޭނުމެއް އޮންނާނެޔެކޭ ހިތެއް ނުބުނެއެވެ. 


ދުނިޔޭގެ ކަންކަން ހިނގާ ނުހިނގާގޮތް ބަލައި ވިސްނާ މީހަކަށް މައިކް ޕޮމްޕެއޯއަކީ ކާކުކަން ވަރަށް ރަގަޅަށް މޭރުންވާނެއެވެ. ޕޮމްޕެއޯއަކީ ރައީސް ޓްރަމްޕުގެ ޚާރިޖީ ވަޒީރެވެ. ހަމަޔާއި އިންސާފާއި ގާނޫނަކީ ރައީސް ޓްރަމްޕު ފަދައިން ޕޮމްޕެއޯވެސް ގަބޫލުކުރައްވާ ކަންކަމެއް ނޫނެވެ. ދުނިޔެ ހޫނުވާކަމެއް ކަނޑުގެ ލޮނުގަޑު އުފުލޭ ކަމެއް މީން މީހަކު ގަބޫލެއް ނުކުރެއެވެ.

އިސްލާމަކު އެމެރިކާގެ ފަސްގަޑުގައި ފައިބީއްސާލުމަކަށްވެސް ނުރުހެވޭމެއެވެ. ފާއިތުވި ހަތަރު އަހަރެއްހައި ދުވަހުގެ ތެރޭގައި ޑިޕްލޮމަސީގެ ރިވެތި އާދަތަކާ ދުރަށް ދުނިޔެ ގެންގޮސް ބިރުދެއްކުމާއި ގަދަބާރުން ކަންކަންކުރުމުގެ ސަގާފަތް ދުނިޔޭގައި އާއްމުކުރީވެސް ޕޮމްޕެޔޯއާއި ޑޮނަލްޑް ޓްރަމްޕެވެ. މިވަރުގެ މީހަކު މިދަނޑިވަޅުގައި ރާއްޖެއައުމުގެ ސިއްރެއް އޮންނާނެއެވެ. އެވާނީ އަޑި ނުބައި ސިއްރަކަށެވެ. 



ރާއްޖޭގެ އެކިއެކި ޓީވީތަކަށް ކުދީންކޮޅެއް އަރައިތިބެގެން ޕޮމްޕެއޯއޭ ރާއްޖެއޭ ސުޕަރޕަވަރޭ ފަޚުރޭ ހުންގާނޭ ކިޔާން ތިއްބައި ފެނުނެވެ. މީން އެއްވެސް ކުއްޖަކު މީނާ މިރާއްޖެއަށް އައި އަސްލު ބޭނުމުގެ ވާހަކަޔާއި އާދެވުނުގޮތުގެ ވާހަކައެއް ނުބުނެއެވެ. ހިތުދަސްކޮށްގެން ތިބެ ދައްކަނީ އެހެން ވާހަކައެކެވެ. ޕޮމްޕެއޯ ރާއްޖެއައީ އެމެރިކާގެ ފޭލްވެފައިވާ ޚާރިޖީ ސިޔާސަތު އައުދައުރަކަށް މާކެޓްކުރެވޭތޯ ކުރާ މަސައްކަތުގައި ހުކުމްގަނޑެއް ޖެހުމުގެ ގޮތުންނެވެ. ކުރިޔަށް އޮތް ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހަކީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލާ ދުވަހެވެ.

އިންޑިޔާ ކަނޑަށް ހުކުމްކުރާ އެންމެ ބޮޑުބާރަކީ އަދިވެސް އެމެރިކާ ކަމާއި އިންޑިޔާ ކަނޑުގެ ގައުމުތައް ތިބީ ރާއްޖެވެސް ޝާމިލްވާގޮތަށް ޗައިނާއާ ދެކޮޅު ހެދުމުގައި އެމެރިކާގެ ފަހަތުގައި ސާބިތުވެގެންކަން ދެއްކުމަކީ ޕޮމްޕެއޯގެ ދަތުރުގެ ހަގީގީ ބޭނުމެވެ. 

އެމެރިކާގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ޓްރަމްޕުގެ ފޭލްވެފައިވާ ޚާރިޖީ ސިޔާސަތު ޕްރޮމޯޓްކޮށް ވިއްކުމަށްޓަކައި ކާލާމަންނަޔަކަށް ހަދާން ގަސްތުކުރީ ދިވެހިރާއްޖެއެވެ. ޕޮމްޕެއޯގެ ދަތުރަކީ ރާއްޖޭގެ ޒަމާންވީ ޚާރިޖީ ސިޔާސަތުގެ އަސާސްތަކަށް ގޮންޖެހުމުގެ ދަތުރެކެވެ.

ބޮޑެތިބާރުތަކުގެ ކޯޅުންތަކުގެ ތެރެޔަށް ރާއްޖެ ނެރެ ރާއްޖޭގެ ވަކިއަތަކަށް ނުޖެހުމުގެ ޒަމާންވީ ސިޔާސަތު ކަފުންކުރުމަށް ދައުވަތު ދިނުމުގެ ދަތުރެކެވެ. ދުރު މުސްތަގުބަލަކަށް ވިސްނާއިރު ރާއްޖެއަށް ފައިދާޔަށްވުރެ ބޮޑަށް ގެއްލުން ކުރިމަތިކުރާނެ ދަތުރެކެވެ. ޓީވީތަކަށް އަރައިތިބެ ދައްކާންވީ މިވާހަކައެވެ. ތަހުލީލުކޮށްފައި ދިރާސާކޮށްފައި ރައްޔިތުންނަށް ކިޔައިދޭންވީ މިވާހަކައެވެ. އެކަމަކު ކުރީ އެކަމެއް ނޫނެވެ. ވަރަށްވެސް ދެރައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނދަމުންދާ އަލިފާނަށް ދަރުއަޅާ ބަޔަކަށް ދިވެހީން ވެއްޖެއެވެ. އެހިސާބަށްދިޔައިރު އެވާހަކަ ރައްޔިތުންނަށް ކިޔައިދޭނެ ބަޔަކު ނެތެވެ.



ރައީސް ސާލިހާއި ޚާރިޖީ ވަޒީރު ޝާހިދާއި ބައްދަލުކުރައްވައި ހަތަރު ފަސްކަމަކާމެދު މައިކް ޕޮމްޕެއޯ މަޝްވަރާ ކުރެއްވިޔޭ ނޫސްތަކުން ފެނުނެވެ. ދަރަންޏޭ ޓެރަރިޒަމޭ އިންޑިޔާކަނޑޭ ހައްދުފަހަނަޅައިދިޔުމޭ އެމެރިކާގެ އެހީ ލިބޭނީ އެވެނިހެން މިވެނިހެން ހަދައިގެންނޭވެސް ފެނުނެވެ. ޗައިނާއާ ކައިރިވެގަތުމުގެ ގެއްލުމާއި ޗައިނާގެ ދަރަނި ދަންތުރަ ސިޔާސަތާއި އެމެރިކާ ބުނާގޮތަށް ހެދީމާ ލިބޭންހުރި ފައިދާތަކުގެ ވާހަކަވެސް ފެނުނެވެ. މިޒާތުގެ ކަންކަމަށް މަޝްވަރާއެކޭ ނުކިޔައެެވެ. އެއީ ޑިކްޓޭޓްކުރުމެވެ. ބާރާއި ނުފޫޒުން ވަކިކަމެއް ކުރާން މަޖުބޫރު ކުރުމެވެ. މައިކް ޕޮމްޕެއޯ ކުރެއްވީ މަޝްވަރާއެއް ނޫނެވެ. ކަންކަން ޑިކްޓޭޓްކުރެއްވީއެވެ. 

މިކަމުން ނެރެން ބޭނުންވާ ނަތީޖާ ވަރަށްވެސް ސާފެވެ.

އިންޑިޔާ ކަނޑުގައި އެމެރިކާއިން އަތުރާފައިވާ ޗައިނާއާ ދެކޮޅު ސަފުގައި ރާއްޖެ ހިމެނޭކަމުގެ ބަސް ބޭނުމެވެ. މެދުއިރުމަތީގައި އެމެރިކާއިން ގެންގުޅޭ ބޭއިންސާފު ސިޔާސަތު ރާއްޖެއިންވެސް ބަލައިގަނެ ސޫދާން ކަހަލަ ނީލަން ސިޔާސަތުގެ ލިސްޓަށް ލާން ބޭނުމެވެ. އެވަރުވީމާ އެއޮތީ ޓްރަމްޕު އައުދައުރަކަށް ހޮވާންޖެހޭވަރުގެ ބޮޑު ކާމިޔާބީއެއް ހޯދިފައިކަމަށް ގަބޫލުކުރާ ބަޔަކު ތިބެދާނެއެވެ. ޗައިނާ އާއި އެމެރިކާގެ ވާދަވެރިކަމުގައި އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ބޭނުންކުރާ ކާޑަކަށް ދިވެހިރާއްޖެ ހެދުމަކީ ރާއްޖެއަށް ފައިދާކުރާނެ ކަމެއް ނޫނެވެ. ބޮޑުތަނުން ގެއްލުންވާނޭ ކަމެކެވެ. 

އިންޑިޔާއަކީ އަސްކަރީ ގޮތުންވެސް އިގްތިސާދީ ގޮތުންވެސް ޗައިނާއާ ވަރުންއެޅިގެންވާ ގައުމެއް ނޫނެވެ.

އިންޑިޔާ އާއި ޗައިނާގެ ކޯޅުންތަކުގެ ތެރެއަށް އެމެރިކާ ވެއްދުމަކީ ތިލަފަތް ހަމަހަމަކުރަން މިވަގުތު އިންޑިޔާއަށް އޮތް ހަމައެކަނި ގޮތެވެ. އެގޮތް އެއީ ދިވެހީންގެ ޚާރިޖީ ސިޔާސަތުގެ އަސާސްކަމަށް ހެދީމާ ބޮޑުތަނުން ދިވެހީންނަށް ފޯރާނީ ގެއްލުމެވެ. ދިވެހީންނަށް ގެއްލުންވާނޭ ކަންކަން ދެނެގަނެ އެކަންކަމާ ދުރުހެލިވާންވާނީ ދިވެހިންނެވެ. އެއީ އިންޑިޔާއިން ކުރާނޭ ކަމެއް ނޫނެވެ. މިވަގުތު އިންޑިޔާއަށް މުހިންމީ ޗައިނާއާ ދެކޮޅު ހަދާނޭހައި ބަޔަކު އިންޑިޔާ ކަނޑަށް ނެރުމެވެ. އެހެންވީމާ މި ސަރަހައްދުގައި އެމެރިކާ ހަދާނޭހައި އެއްޗެއް ހަދާން އިންޑިޔާ އެއޮތީ ދޫކޮށްލައިގެންނެވެ. 



ދިވެހިރާއްޖެއަކީ ކުޑަ ގައުމެކެވެ. ދިވެހިރާއްޖޭގެ ސިޔާސަތު ބައްޓަންކުރަންވާނީ ރާއްޖޭގެ ކުޑަކަމާއި ނިކަމެތިކަމާއި ބޭނުންތަކަށް ރިއާޔަތްކޮށްގެން ރާއްޖެއަށް އެންމެ ފައިދާވާނެ ގޮތަކަށެވެ. އެގޮތަކީ ވަކިއަތަކަށް ނުޖެހުމެވެ. ދުނިޔޭގެ މައްސަލަތަކުގެ ތެރެޔަށް ނުވަދެ ދުރުގައި ތިބުމެވެ. އިންޑިޔާއަކީ ރާއްޖޭގެ އެންމެ މުހިއްމު ބައިވެރިޔާކަމަށް ވިޔަސް އިންޑިޔާ ވާހައި އަރައިރުމެއްގެ ތެރެޔަށް ދިވެހިރާއްޖެ ވަންނާކަށް ނުޖެހޭނެއެވެ. ވަދެގެންވެސް ނުވާނެއެވެ. ސައުދީ އަރަބިޔާއަކީ ކިތަންމެ ބޮޑު އެކުވެރިޔަކަށް ވިޔަސް ސައުދީން އަންގާހައި ބަޔަކާ ގުޅުން ގާއިމުކޮށް އެނޫންބަޔަކާ ދުޝްމިން ވެގަންނާކަށް ނުޖެހޭނެއެވެ. އެއީ ދިވެހިރާއްޖޭގެ މަސްލަހަތު ނިޔާކުރާގޮތެއް ނޫނެވެ. 

ވަކިއަތަކަށް ނުޖެހުމުގެ ސިޔާސަތާ ދުރުހެލިވެ ގައުމުތަކުގެ އިންތިޚާބުގައި ކުޅޭ ކާރޑަކަށް ދިވެހިރާއްޖެވުމަކީ ދެރަކަމެކެވެ.

ބޮޑެތި ގައުމުތަކުގެ ވާދަވެރިކަމުގައި އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ރުކުރުވައިލާ ސަފުސަފުގައި ދިވެހިރާއްޖެ ހިމެނުމަކީ ނުރައްކާތެރި ކަމެކެވެ. ގައުމަކުން ބުނެލާއިރަށް ވަކިބަޔަކާ ގުޅުން ކަނޑާލައި އަނެއްބަޔަކާ ގުޅުން ގާއިމުކުރުމަކީ ވިޔާނުދާ ކަމެކެވެ. އެހިސާބަށް ޚާރިޖީ ސިޔާސަތު ދިޔައީމާ ގައުމުތަކުގެ ދަރުބާރަށް ނިކުމެ އިތުބާރޭ ހުރުމަތޭ ކިޔާކަށް ފުރުސަތެއް ނޯންނާނެއެވެ. އޭރުން ޓްރަމްޕުގެ ކެމްޕޭނުގައި ޕޮމްޕެއޯވެސް ރާއްޖެ އަންނާނެއެވެ. އިޒްރޭލުގެ ސިޔާސަތު މާކެޓްކުރަން ނަތަންޔާހޫވެސް އަންނާނެއެވެ. ހައްދުފަހަނަޅައިދިޔުމޭ ކާޓޫނޭ ކިޔަމުން މެކްރޯންވެސް އަންނާނެއެވެ.