މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެސްޓީއޯ އަށް 100 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.
އެސްޓީއޯގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓު ދައްކާ ގޮތުގައި މި ކުއާޓަރުގައި އެސްޓީއޯއަށް ލިބުނު ސާފު ފައިދާ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 5 މިލިއަން ރުފިޔާ ވަނީ ދަށްވެފައެވެ. އެގޮތުން މިއަހަރުގެ 2 ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް 105 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މާލީ ރިޕޯޓުގައިވާ ގޮތުން ތިންވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން އެކުންފުންޏަށް 119 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ފައިދާގެ ގޮތުގައި 120 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ރިޕޯޓުގައިވާ ގޮތުން ތިންވަނަ ކުއާޓަރުގައި އެސްޓީއޯއަށް 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިއީ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީއަށްވުރެ އިތުރު އަދަދެކެވެ. ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ލިބިފައިވަނީ 1.29 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ތެލުގެ ވިޔަފާރިންނެވެ. އެގޮތުން ތެޔޮ ވިއްކައިގެން އެސްޓީއޯއަށް 818 މިލިއަން ރުފިޔާ ލިބުނު އިރު، ތެޔޮ ނޫން އެހެން ދާއިރާތަކުން ލިބުނީ 727 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.