މިހާތަނަށް 38 ގެސްޓުހައުސްއެއް ހުޅުވުމުގެ ހުއްދަ އަލުން ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރޗުމަހުގެ 17 ވަނަ ދުވަހުއެވެ. އަދި އަލުން ގެސްޓްހައުސްތައް ހުޅުވާފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.
ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 26 ވަނަ ދުވަހާއި ހަމައަށް ރާއްޖޭގެ ހަތަރު އަތޮޅަކުން 10 ރަށެއްގައި ހިންގާ 38 ގެސްޓުހައުސްއެއް އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ.
އެ ރަށްތަކަކީ ނ. ފޮއްދޫ އާއި ކ. ހުރާ އާއި ކ. މާފުށި އާއި ކ. ގުރައިދޫ އާއި އއ. މަތިވެރި އާއި އއ.އުކުޅަސް އާއި އއ. ތޮއްޑޫ އާއި ވ.ތިނަދޫގެ އިތުރުން ވ. ފުލިދޫ އާއި އއ.ރަސްދޫ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ގެސްޓު ހައުސްތައް ހުޅުވާއިރު އެރަށްތަކުގައި ދިރިއުޅޭ މީހުން މާސްކު އަޅަން ޖެހޭނެ ކަމަށް ބުނެފައެވެ.
އެގޮތުން ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ގެސްޓްހައުސް ވިޔަފާރިކުރާ ރަށްރަށުގެ ރައްޔިތުންނަށް މާސްކް ހަދިޔާކުރަން ނިންމާފައެވެ.