Last Updated: July 26, 11:20
Saturday, July 26, 2025
ޚަބަރު

ސްވިޒަލޭންޑުން ކަނޑައެޅި ރައްކާތެރި ގައުމުތަކުގެ ލިސްޓަށް ރާއްޖެ

ރާއްޖެއަކީ ދަތުރުކުރަން ރައްކާތެރި މަންޒިލެއްގެ ގޮތުގައި ސްވިޒަލޭންޑުން ކަނޑައަޅައިފިއެވެ.

ސްވިޒަރލޭންޑުގެ ފެޑްރަލް އޮފީސް އޮފް ޕަބްލިކް ހެލްތުން އެންމެ ފަހުން ނެރެފައިވާ "ރިސްކު ކަންޓްރީސް ލިސްޓު" އިން ރާއްޖޭގެ ނަން ވަނީ އުނިކޮށްފައެވެ. އެއާއެކު ރާއްޖޭގައި ތިބެފައި އެނބުރި ގައުމަށް ގޮސް އައިސޮލޭޝަނަށް ދާކަށް ނުޖެހޭނެއެވެ. މި ނިންމުމަށް އަމަލުކުރާނީ މިއަދުން ފެށިގެންނެވެ.

ސްވިޒަރލޭންޑަކީ މިއަހަރު ރާއްޖެއަށް 10 ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެގައުމުން ވަނީ 3،036 ފަތުރުވެރިން އައިސްފައެވެ.

ދާދިފަހުން އިނގިރޭސިވިލާތާއި ގަތަރުން ވެސް ވަނީ ރާއްޖެ އަކީ ދަތުރުކުރަން ރައްކާތެރި މަންޒިލެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

ރާއްޖޭގެ ބޯޑަރު މިދިޔަ ޖުލައި މަހުގެ 15 ގައި ހުޅުވާލުމާއެކު ހީނަރުވި ފަތުރުވެރިކަމުގެ ދާއިރާ އަންނަނީ ރަނގަޅުވަމުންނެވެ. އެގޮތުން ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެ އަށް 30،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އަދި ބޯޑަރު ބަންދު ކުރުމުން ރާއްޖެ އަށް ދަތުރުތައް މެދުކަނޑާލި ގިނަ އެއާލައިންތަކުން މިހާރު އަންނަނީ އަލުން ދަތުރުތައް ފަށަމުންނެވެ.