Last Updated: April 24, 23:11
Wednesday, April 24, 2024
ދުނިޔެ

މާދަމާ އިން ފެށިގެން ފްރާންސް އަލުން ލޮކްޑައުނަށް

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ، މާދަމާ އިން ފެށިގެން ފްރާންސް އަލުން ލޮކްޑައުން އަށް ދިޔުމަށް ނިންމައިފިއެވެ.

ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން ރޭ ވިދާޅުވީ މާދަމާ އިން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ލޮކްޑައުންގެ ހާލަތު އެގައުމުގައި އޮންނާނެ ކަމަށެވެ. ލޮކްޑައުންގެ ހާލަތުގައި ޒަރޫރީ ބޭނުންތަކަށް ފިޔަވައި ގެއިން ބޭރަށް ނިކުތުން މަނާވާނެ ކަމަށް މެކްރޮން ވިދާޅުވިއެވެ.

އަދި ގެއިން ބޭރަށް ނިކުންނަ ފަރާތްތަކުގެ އަތުގައި ވެސް ހާއްސަ ލިޔުމެއް އޮންނަން ވާނެ ކަމަށާއި މި ކަންކަން ފުލުހުން ޗެކް ކުރަމުންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ލޮކްޑައުން އާއެކު ރެސްޓޯރެންޓާއި ކެފޭ އަދި ކޮންމެހެން ބޭނުންވާ ތަކެތި ވިއްކަމުން ނުދާ ފިހާރަތައް ވެސް ބަންދުކުރުމަށް މެކްރޮން ވަނީ އަންގާފައެވެ.

މިދިޔަ މާޗު މަހު ފްރާންސްގައި އިއުލާންކުރި ލޮކްޑައުންއާ ހިލާފަށް މިފަހަރުގެ ލޮކްޑައުންގެ ހާލަތުގައި ސްކޫލްތައް ބަންދު ނުވާނެ ކަމަށާއި އަދި ގޭގައި ތިބެގެން މަސައްކަތް ނުކުރެވޭނަމަ އޮފީހަށް ދިޔުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މެކްރޮން ވިދާޅުވީ ފްރާންސްގައި ކޮވިޑް ފެތުރެމުންދަނީ ކުރިން އަންދާޒާ ކުރި ވަރަށް ވުރެ ވެސް ހަލުވި މިނެއްގައި ކަމަށެވެ. އަދި ކޮވިޑްގެ ދެ ވަނަ ރާޅު، ފުރަތަމަ ރާޅަށްވުރެ މާވަރުގަދަ ވާނެ ކަމަށާއި ބަލި ފެތުރުން ހުއްޓުމަކަށް ގެންނަން ލޮކްޑައުނަކަށް ދާން ނިންމީ ކަމަށްވެސް މެކްރޮން ވިދާޅުވިއެވެ.

ފްރާންސް އިން މިހާތަނަށް 1.2 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 35،000 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.