ލ. ވަޑިނޮޅި ކައިރީ އެން ހިފަން އުޅެނިކޮށް ތޫނު އެއްޗެއްސާއި އެކު "ފަސްކުރި" ދޯންޏަށް އެރި މައްސަލައާ ގުޅިގެން އިތުރު ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ރެއިން ފެށިގެން މިއަދު މެންދުރާއި ހަމައަށް 7 ދިވެހި ފިރިހެނުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި މިހާތަނަށް 16 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެތެރެއިން 9 މީހަކު ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަަހުގީގު ކުރަމުންނެވެ.
"ފަސްކުރި" ދޯންޏަކީ މީގެ ދެ އަހަރު ކުރިން ލ.ގަމު މީހަކު ޔޮޓް ޓުއާސްއަށް 7 މިލިއަން ރުފިޔާއަށް ވިއްކާފައިވާ ދޯންޏެކެވެ. އެ ދޯނީ ވިއްކި މީހާ ބުނީ ލ. އަތޮޅަށް ދޯނި ވަނުމުން ސުލްހަވެރިކަމާއި އެކު ދޯންޏަށް އަރައި، ދޯންޏާއި ހަވާލުވެފައިވާ ކަމަށެވެ. އަދި ދޯނި ހައިޖެކް ކުރި ވާހަކަ އޭނާ ދޮގު ކުރެއެވެ.
ނަމަވެސް ދޯނީގެ ފަޅުވެރިން އެވާހަކަ ދޮގު ކުރެއެވެ. ދޯނީގެ ފަޅުވެރިން ބުނީ ގާތްގަޑަކަށް 30 މީހުންގެ ބޮޑު ގްރޫޕަކުން ދޯންޏަށް އެރީ ތޫނު ހަތިޔާރާއި އެކު ކަަމަށެވެ. އަދި އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް އެމީހުން ބުނެއެވެ.
މި ހާދިސާ އާއި ގުޅިގެން ދޯނީގެ ވެރިފަރާތް ކަމަށްވާ އިދުރީސް ހުސެއިން ލ.ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ވަނީ ދޯނީގެ ވެރިފަރާތާއި ދޯނި ހަވާލުކުރުމަށް އަންގައި ވަގުތީ އަމުރެއް ނެރެފައެވެ. މި އަމުރު ރައްދު ވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.