ފެނަކަ ކޯޕްރޭޝަނުން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗްސް ކޮމްޕެނީ އަށް ދިން 17 މިލިއަން ރުފިޔާ އަނބުރާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި އެވެ.
މި ފައިސާ އަނބުރާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓްމަހުގަ އެވެ. އަދި އެ ހުކުމުގައި ބުނެފައިވަނީ މި ފައިސާ ހަތަރު މަސް ތެރޭގައި ދެއްކުމަށެވެ.
އެ މައްސަލަ ޝަރޫއިން އިސްތިއުނާފު ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޝަރޫއަށް 17 މިލިއަން ރުފިޔާ ފެނަކައިން ދިން ކަމަށާއި، އަދި ޝަރޫއިން ފެނަކައަށް ދޫކުރިި ޑޮލަރު ޗެކުތައް ބައުންސްވުމާ ގުޅިގެން އެ ފައިސާ ލިބިފައިނުވާ ކަމަށެވެ.
އަދި އެކަމާ މެދު ދެ ފަރާތުގެ ދެމެދުގައި އެއްވެސް ސުވާލެއް ނެތް ކަމަށާއި އެ ފައިސާ އަކީ ޝަރޫއިން ފެނަކައަށް އަނބުރާ ދައްކަން ޖެހޭ ފައިސާކަމަށް ހައި ކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.
ހައި ކޯޓުން މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އިއްތިފާގުވެފައިވަނީ ސިވިލް ކޯޓުގެ ހުކުމަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.