Last Updated: April 24, 23:11
Wednesday, April 24, 2024
ދުނިޔެ

ފްރާންސްގައި ވަޅިން ހަމަލާދީ ތިން މީހަކު މަރާލައިފި

ފްރާންސުގައި ވަޅިން ހަމަލާދީ ތިން މީހުން މަރާލައި ގިނަބަޔަކު ޒަހަމްކޮށްލައިފި އެވެ.

ފްރާންސްގެ ނީސްގެ ފައްޅިއެއްގެ ކައިރީގައި ހިނގި މި ހާދިސާއާ ގުޅިގެން ފްރާންސްގެ ފުލުހުން ބުނީ ވަޅިން ހަމަލާދީ މަރާލި މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭ ކަމަށެވެ. އަދި މި ހަމަލާދިން މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ނީސްގެ މޭޔަރު ކްރިސްޓިއަން އެސްޓްރޮސީ ވަނީ މިއީ ޓެރަރިޒަމްގެ ހަމަލާއެއް ކަމަށް ވިދާޅުވެފައެވެ.

މި ހާދިސާއާ ގުޅޭ ތަހުގީގެއް މިހާރު ފަށާފައިވާއިރު، އެ ސިޓީ އަށް އެގައުމުގެ ރައީސް އެމެނުއަލް މެކްރޮން ވަޑައިގަތުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ފްރާންސުގައި ވަޅިން ހަމަލާދީ ބަޔަކު މަރާލާފައިމިވަނީ އެގައުމުގައި މިމަހުގެ ކުރީކޮޅު ކީރިތި ރަސޫލާގެ ކާޓޫނު ކުރެހި ޓީޗަރެއްގެ ކަރު ބުރި ކުރުމުގެ ސަބަބުން އެގައުމުގެ މަސްރަހު ގޯސްވެފައި ވަނިކޮށެވެ. އެގޮތުން ފްރާންސްގެ ރައީސް ވަނީ އެ ހަމަލާ އިސްލާމްދީނާއި ގުޅުވައި ވާހަކަ ދައްކަވާފައެވެ.

މެކްރޮންގެ އެ ވާހަކަތަކާއެކު އިސްލާމީ ގައުމުތަކުގެ ނުރުހުން އޭނާ އަށް އަމާޒުވެފައިވާއިރު، ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލާ ބައެއް ގައުމުތަކުގައި މިހާރު އަންނަނީ ކެމްޕޭންތައް ކުރަމުންނެވެ.