Last Updated: July 26, 11:20
Saturday, July 26, 2025
ޚަބަރު

ޕޮމްޕެއޯ މަސައްކަތް ކުރެއްވީ ރާއްޖެ-ޗައިނާ ގުޅުމަށް ބުރޫއަރުވަން: ޗައިނާ

މައިކް ޕޮމްޕޭއޯ - ފޮޓޯ: ރައީސް އޮފީސް

އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ރާއްޖެ ވަޑައިގެން ޗައިނާ-ރާއްޖެ ގުޅުމަށް ބުރޫ އަރުވަން މަސައްކަތް ކުރެއްވި ކަމަށް ޗައިނާ އިން ތުހުމަތުކޮށްފިއެވެ.

ޗައިނާ އިން މި ތުހުމަތުކޮށްފައިވާއިރު ޕޮމްޕޭއޯ އިއްޔެ ރާއްޖެ އަށް ކުރެއްވި ކުރު ދަތުރުފުޅުގައި ވަނީ ޗައިނާ އަށް ބަހުގެ ހޫނު ހަމަލާތަކެއް ދީފައެވެ. އެގޮތުން ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން މި ސަރަހައްދުގައި ގާނޫނުތަކާ ހިލާފު ކަންކަން ކުރަމުންދާ ކަމަށް ބުނެ ޕޮމްޕޭއޯ ވަނީ ޗައިނާ އަށް ގިނަ ތުހުމަތުތަކެއް ކުރައްވާފައެވެ.

އެ ތުހުމަތުތަކަށް ރައްދު ދެމުން ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕޮމްޕޭއޯގެ މި ދަތުރުފުޅުގައި ވަރުބަލިކަމެއް ނެތި ޗައިނާއާ ގުޅޭ ގޮތުން ހަގީގަތެއް ނެތް ވާހަކަތަކެއް ފެތުރުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.

އަދި ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމަށް ވެސް ބުރޫ އަރުވަން މަސައްކަތް ކުރެއްވި ކަމަށާއި އެމެރިކާގެ އަމިއްލަ އެދުމާއި އެހެން ގައުމުތަކަށް ނުފޫޒު ފޯރުވުމުގެ ސިޔާސަތަކީ ހަމަޖެހޭ ބައިނަލް އަގުވާމީ ގުޅުންތަކަށް އޮތް ނުރައްކަލެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެއިތުރުން މިނިވަން ސުލްހަވެރި ހާރިޖީ ސިޔާސަތެއް ގެންގުޅުމަކީ ކޮންމެ ގައުމަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށާއި ނަމަވެސް ޕޮމްޕޭއޯ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވަކި ކޮޅެއް ނެގުމަށް ކުދި ގައުމުތަކަށް ބާރު އެޅުއްވި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

"އެހެން ގައުމުތަކުގެ އިސްތިގުލާލަށް އެމެރިކާ އިން އިހުތިރާމް ކުރާނެ ކަމަށް ޕޮމްޕޭއޯ ވިދާޅުވުމުން އެކަން ވައްތަރީ ޖޯކަކާ" ޗައިނާގެ ބަޔާނުގައި ވެއެވެ.

އަދި ޗައިނާ އިން ގައުމުތަކުގެ ތަރައްގީ އަށް ވަމުންދާ އެހީތަކަކީ ނުރައްކަލެއްގެ ގޮތުގައި ނުދެކުމަށް ވެސް މި ބަޔާނުގައި ވަނީ ގޮވާލާފައެވެ.