Last Updated: April 20, 14:10
Saturday, April 20, 2024
ރިޕޯޓް

އިންޑިޔާގެ ބަހާއި އަމަލު ދިމަލެއްނުވެއެވެ.

8 ޖޫން 2019: އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ކުރައްވާ ދެދުވަހުގެ ފުރަމާނަ ދަތުރުފުޅު، މޯދީގެ މި ދަތުރުފުޅުގައި ރާއްްޖެ އާއި އިންޑިއާއާއި ދެމެދު 6 އެއްބަސްވުމެއްގައިވަނީ ސޮއި ކުރެވިފައި، ފޮޓޯ: ރައީސް އޮފީސް

ކީރިތި ރަސޫލާގެ ދިފާއުގައި މުސްލިމުން ތެދުވެ ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯންގެ ސިޔާސަތު ކުށްވެރިކުރާން ފެށީމާ ޑިމޮކްރަސީގެ ފޭރާމުގެ ތެރޭގައި ނިވައިގެންތިބި ބައެއް ގައުމުތަކުގެ އަސްލު ބައްޓަމާއި ސޫރަ މިހާރު ވަނީ ހާމަވާންފަށައިފައެވެ. މިގޮތުން އަސްލު ކުލަޔާއި ބައްޓަން ހާމަވެގެންދިޔަ އެއްގައުމަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީކަމުގައި ބުނެވޭ އިންޑިޔާއެވެ.

އިންޑިޔާގެ ޚާރިޖިއްޔާއިން ފަރަންސޭސި ރައީސް މެކްރޯންގެ ދިފާއުގައި ނެރުނު ބަޔާނުގައި ލިޔެފައިވެއެވެ. އިސްލާމުންނޭ ކިޔާބަޔަކު ބައިނަލްއަގުވާމީ ދެނެގަތުމާއި ގުޅުންތަކުގެ މައިގަޑު އަސާސްތަކާ މުޅިން ޚިލާފަށް ފަރަންސޭސި ރައީސްގެ ޝަޚުސާ ދެކޮޅަށް ބޭނުންކުރަމުންދާ ބަހުރުވަޔާއި އަމަލުތައް އިންޑިޔާއިން އެންމެ ހަރުކަށިކޮށް ކުށްވެރި ކުރަމެވެ.



ބައިނަލްއަގުވާމީ ދެނެގަތުމާއި ގުޅުންތަކުގެ އަސާސްތަކާއި ޚިލާފަށް މުސްލިމުން ކުރީ ކޮންކަމެއް ބާވައެވެ. ކޮންމެވެސް ބަޔަކު މުސްލިމުންގެ ނަބިއްޔާއަށް ކާޓޫނު ކުރަހައި ފުރައްސާރަކޮށްފިއެވެ. އެކަން އެއީ ޚިޔާލުފާޅުކުރުމާއި ޑިމޮކްރަސީގެ ރިވެތި ސިފަތަކުގެ ތެރެއިން ސިފައެއްކަމަށް ފަރަންސޭސި ރައީސް ސިފަކުރައްވައި ދިފާއުވެސް ކުރައްވައިފިއެވެ.

އިސްލާމީ ބައެއް ގައުމުތަކުގެ ލީޑަރުން ވިދާޅުވިއެވެ. ތިޔައީ ގޯހެކެވެ. ނަބިއްޔާދެކެ ތިމަންނާމެން ލޯބިވަމުއެވެ. ޚިޔާލުފާޅުކުރުމުގެ ނަމުގައި ނަބިއްޔާއަށް ފުރައްސާރަ ނުކުރާށެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމޭ ނުކިޔައި އިހަށް ސިކުނޑި ޓެސްޓްކޮށްލާށެވެ. ތިޔަސަކަރާތް ހުއްޓައިނުލަންޏާ ކަލޭމެންގެ މުދާގަތުން ހުއްޓައިލީއެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ކަމުނުގޮސްގެން އުޅެނީ މިވާހަކައެވެ.

މުސްލިމުންވީ އެމީހުންގެ ނަބިއްޔާއަށް ކިތަންމެވަރަކަށް ފުރައްސާރަކޮށް ބަދުބަސްބުންޏަސް ހަޖަމުކޮށްލައިގެން ހިމޭނުން ތިބޭށެވެ. ތިޔަކަން ހުއްޓައިލާށޭ ބުންޏަސް އެވީ ގޯހެވެ. އެއީ ޚިޔާލުފާޅުކުރުމާއި ޑިމޮކްރަސީގެ އަސާސްތަކާއި މުސްލިމުން ޚިލާފުވީއެވެ. އެކަން ކުށްވެރިކޮށްފައި އަވަހަށް ބަޔާންތައްވީ ނެރޭށެވެ. އަޅުގަޑުގެ ނަޒަރުގައި އިންޑިޔާގެ އާބާދީޔާއި މަގާމާއި ސަރަހައްދަށް ރިއާޔަތްކުރާއިރު އިންޑިޔާގެ މިބަޔާނަކީ ތަސައްރަފު ނުފުދުމުގެ މިސާލެކެވެ. ދުނިޔޭގެ ކަންކަމުގައި ހައްގުބަސްބުނާން ކުފޫހަމަނުވާކަމުގެ ދަލީލެކެވެ. އެހެންނޫންނަމަ މިދަނޑިވަޅުގައި އިންޑިޔާއިން ދައްކާންވާނީ މިއަށްވުރެ ޒިންމާދާރު ވާހަކަތަކެކެވެ. 



އިންޑިޔާއޭ ކިޔުނު ދައުލަތުގެ ބިންގަލަކީ އެންމެންނަށް އިހުތިރާމްކުރުމާއި އެންމެނަށް ޖާގަދިނުމާއި އެއްވެސް ބަޔަކު އިސްތިސްނާ ނުކުރުމެވެ. މަހާތުމާ ގާނދީޔާއި ޖަވާހަރްލާލް ނެހުރޫ ފަދަ ބޭފުޅުން ގަބޫލުކުރެއްވި ހަމަޔަކީވެސް އެއީއެވެ. އިންޑިޔާ ފޯދެމުން ފުރިހަމަވަމުން މިހާތަނަށް އައުމުގެ ސިއްރަކީވެސް އެއީއެވެ. އެކަމަކު މިއަދު އެ ބިންގަލުގެ މަތިން އިންޑިޔާގެ ސިޔާސަތު ކަސިޔާރުވެއްޖެއެވެ.

އިންޑިޔާގެ މިއަދުގެ ސަރުކާރަށް ބައިނަލްއަގުވާމީ ގުޅުންތަކާއި ހަމަތަކުގެ ތެރެއިން ފެންނަނީ މުސްލިމުންނާ ދެކޮޅު ކޮންމެ އެއްޗެކެވެ. އިންޑިޔާ ދެމިއޮތުމުގެ ހަމައެކަނި މަގްސަދަކީ މުސްލިމުންނާ ދެކޮޅުހަދައި އަދާވާތްތެރިވެގަތުމޭ ހީވާވަރަށް ސިޔާސަތުވަނީ ބަދަލުވެފައެވެ. މިއީ ބޮޑުބާރެއްގެ ގޮތުގައި ދުނިޔޭގެ ލީޑަރޝިޕްގައި ދައުރެއް އަދާކުރުމަށް ފައިނަގައިގެން ތިބި ބައެއްގެ ފަރާތުން ފެންނާންޖެހޭ ސިފައެއް ނޫނެވެ. 

ބައިނަލްއަގުވީ ހަމަޔާއި ގުޅުމޭ ބުނާއިރު އެ ހަމަޔަށް ފެތެނީ އިސްލާމުންނަށް ކުރާ ފުރައްސާރަ އެކަންޏެވެ.

އިންޑިޔާގެ ވެރިކަމުގެ ލަގަނުގެ ކޮންޓްރޯލް އަތުލައިގެން އެތިބަ އާރްއެސްއެސްގެ މީހުންނަށް ހިންދީންނަށް ފުރައްސާރަކުރުން ހަޖަމުކުރެވޭނެ ބާވައެވެ. ނުކުރެވޭނެއެވެ. އިސްލާމަކު ގެރިމަސް ކައިފިޔޭ ހީވިޔަސް އެމީހަކާއި އެމީހެއްގެ މުޅި އާއިލާ މި ބިންމަތިން ފޮހެލުމަށް ތިބެނީ ކަމަރު ބަނދެގެންނެވެ. އިސްލާމުންގެ މިސްކިތްތަކާއި ގެދޮރު ތަޅައި މުގުރުން ވަނީ އާއްމުކޮށްފައެވެ. އިންޑިޔާގެ ބިލިޔަނަކަށްވުރެ ބޮޑުއާބާދީގެ ތެރެއިން ދުއިސައްތައެއްހާ މިލިޔަން މީހުންނަކީ އިސްލާމުންކަމަށްވާއިރު އެމީހުންގެ އިހުސާސްތަކަށް އިހުތިރާމްކުރުމުގެ ކަންފުޅެއްވެސް ނެތެވެ.

އަވައްޓެރި ގިނަ ގައުމުތަކަކީ އިސްލާމީ ގައުމުތަކަށްވާއިރު އެގައުމުތަކަށް އިހުތިރާމްކުރުމުގެ ކަންފުޅެއްވެސްނެތެވެ. 

މިވަރުގެ ބަޔަކަށް ދުނިޔޭގެ ލީޑަރޝިޕުގައި ދައުރެއް އަދާކުރެވޭނެ ބާވައެވެ. މިވަރުގެ ބަޔަކަށް ދުނިޔޭގެ އިހުތިރާމް ލިބޭނެބާވައެވެ. ހޯދަން އެނގޭނެބާވައެވެ. ޚިޔާލުފާޅުކުރުމާއި ޑިމޮކްރަސީގެ ނަމުގައި ހޮލޮކާސްޓުގެ ހަގީގަތާމެދު މީހަކު ސުވާލު އުފައްދައިބަލާށެވެ. ޔަހޫދީންގެ ނުބައިކަމުގެ ވާހަކަ ދައްކައިބަލާށެވެ. ނުކުރެވޭނެއެވެ. މިކަންކަމާ ދެކޮޅަށް ހުޅަގުގެ ގައުމުތަކުގައި އެތިބީ ގާނޫނުތައް ހަދައިގެންނެވެ. އެހެންވީމާ އެ ގައުމުތަކުންވެސް ކަންކުރާގޮތާއި ދައްކާ ވާހަކަ ދިމަލެއްނުވެއެވެ. ފަރަންސޭސިވިލާތަކަސް އިންޑިޔާއަކަސް އެހެންތަނަކަސް ހާލުހުރީ މިކަހަލަ ގޮތަކަށެވެ.

އިހަށްދުވަހު މާލޭ މަގުމަތީގައި ހުރެގެން އިންޑިޔާ މީހަކު އިސްލާމުންނާއި އިސްލާމްދީނަށް ފުރައްސާރަކޮށްފައި މިހާރު އެހެރީ ސަލާމަތުން އިންޑިޔާގައެވެ. އެމީހަކީ އިންޑިޔާގެ ދިއްލީގެ މަގުމަތީގައި ހުރެގެން ހިންދީންނަށް ފުރައްސާރަކުރި މުސްލިމެއްނަމަ އެމީހަކަށް ސަލާމަތުން ތާކަށް ދެވޭނެބާވައެވެ. ނުދެވޭނެކަން ކަށަވަރެވެ.



މިވާހަކަ މިއަދު މިލިޔަނީ އިންޑިޔާއަށް ނަފުރަތުކުރާތީއެއް ނޫނެވެ. އަދި ނަފުރަތު އުފައްދާކަށެއްވެސް ނޫނެވެ. ކީރިތި ރަސޫލާގެ އީދުމީލާދު ކަމަށްވާތީ މިވަގުތު ދުނިޔޭގައި ހިގަމުންދާ ކަމަކުން މިސާލުދައްކައި ދުނިޔޭގެ ހަގީގަތް ބަޔާންކުޅައުމުގެ ގޮތުންނެވެ. ވާހަކަ ދައްކާންޖެހިއްޖެނަމަ ދައްކާންހުރި ވާހަކަތައް މަދަކީވެސް ނޫނެވެ.

އިންޑިޔާގެ އަޔޯދިޔާގައި ހުރި ބާބަރީ މިސްކިތް ބީޖޭޕީގެ އެކްޓިވިސްޓުން ނިކުމެ 1992 ވަނަ އަހަރު ތަޅައިލީމާ މިރާއްޖޭގައި މުޒާހަރާ ނުކުރެވުނީ ކީއްވެގެން ބާވައެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދިވެހީންނަށް އޮވެގެން ނުވާނެކަމަށް އިންޑިޔާއަށް ހީވީތޯއްޗެކެވެ. ދިވެހިސަރުކާރަށް ހަފަރާތުން ޕްރެޝަރު ޖައްސައިގެން އެކަންވިޔަ ނުދިނީ މާލޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުންނެވެ.



އިންޑިޔާގެ ބޮޑުވަޒީރު ޕީވީ ނަރަސިމްހަ ރާއޯ ރަސްމީ ދަތުރެއްގައި މާލެވަޑައިގަތުމާ ގާތްވެފައިވަނިކޮށް ރާއޯގެ ސިޔާސީ ހަގީގަތަކާމެދު ނޫހުގައި ކޮލަމެއް ލިޔެގެން އަޅުގަޑު ސަސްޕެންޑްކޮށް އަދަބުދޭން މާލޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުން އެތާކަށް ލިޔެފައި މިތާކަށް ލިޔެފައި އެވަރަކުން އޮބިނޯވެގެން އުޅުނީ ކީއްވެގެންބާވައެވެ. އަޅުގަޑަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮވެގެން ނުވާނެކަމަށް ހީވެގެން ކަމަށްވެސް ވެދާނެއެވެ. ހައިކޮމިޝަނުން އެދިގެން އަޅުގަޑު ސަސްޕެންޑްކުރިއެވެ. ކަންހިގައިދިޔަގޮތް އޭރުގެ ފޮރިން މިނިސްޓަރާއި އިންފޮމޭޝަން މިނިސްޓަރު ތަންކޮޅެއްފަހުން އަޅުގަޑަށް ކިޔައިދެއްވިއެވެ.

ކޮންމެއަކަސް މިއީވެސް ހިގާފައި ހުރި ކަންކަމެވެ. އަދިވެސް މިކަހަލަ ކިތަންމެ ކިތަންމެ ކަމެކެވެ.