Last Updated: July 21, 06:01
Monday, July 21, 2025
ޚަބަރު

ދީނާއި ހިލާފު އަމަލުތައް ހިންގާ ޖަމިއްޔާތައް ރާއްޖޭގައި އިތުރު އެބަވޭ: އިދިކޮޅު

އިސްލާމްދީނާއި ހިލާފު އަމަލުތައް ހިންގާ ޖަމިއްޔާތައް ރާއްޖޭގައި އިތުރުވަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅުން މިހެން ބުނެފައިވަނީ ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ކާޓޫނު ކުރަހައި، އިސްލާމްދީނާ ދެކޮޅަށް ފްރާންސުން ހިންގާ އަމަލުތައް ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.

އެގޮތުން އެ ބަޔާނުގައި ބުނީ ފްރާންސްގެ މަޖައްލާއަކުން ރަސޫލާ އަށް ފުރައްސާރަކޮށް ކާޓޫނު ކުރަހައި އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އެފަދަ އަމަލުތައް ހިންގަމުންދާއިރު އެކަމަށް އެގައުމުގެ ސަރުކާރުން އަދި ހާއްސަކޮށް އެގައުމުގެ ރައީސް އެމެނުއެލް މެކްރޮން ތާއީދު ކުރެއްވުމަކީ މިކަމަށް ހިތްވަރު ދީ ހާލަތު ގޯސްކުރުން ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އެހެންކަމުން އެގައުމުން މުސްލިމް އުންމަތާއި ދެކޮޅަށް ހިންގަމުން ގެންދާ އަމަލުތަކާ ދެކޮޅަށް ތެދުވެ ބަސް ބުނުމަށް ސަރުކާރަށް ގޮވާލަން" އެ ބަޔާނުގައި ބުނެފައިވެއެވެ.

ފްރާންސްގެ މަޖައްލާ އަކުން މިފަދަ ކަންކަން ކުރަމުންދާއިރު، މިފަދަ އަމަލުތައް ހިންގަމުން ގެންދާ ޖަމިއްޔާތައް ރާއްޖޭގައި ވެސް އިތުރުވަމުންދާ ކަމަށާއި އެގޮތުން ރާއްޖޭގައި މިފަދަ އަމަލުތައް ހިނގުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުމަށް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

އަދި ފްރާންސުން ހިންގަމުން ގެންދާ އަމަލުތަކާ ދެކޮޅަށް ވެސް ސަރުކާރުން ފިޔަވަޅު އެޅުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ. އެގޮތުން އިސްލާމްދީނާ ދެކޮޅަށް ފްރާންސުން ހިންގަމުން ގެންދާ އަމަލުތަކާއި ދެކޮޅު ހެދުމުގެ ގޮތުންް ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ކޯލިޝަންގެ ފަރާތުން ފުރިހަމަ އަށް ބައިވެރިވެ އެއްބާރުލުން ދޭނެ ކަމަށްވެސް ބުނެފައިވެއެވެ.