Last Updated: March 29, 14:00
Friday, March 29, 2024
ދުނިޔެ

ޕާކިސްތާނުގެ ހާލަތު ގޯސް، ކޭސްތަކުގެ އަދަދު 1000 އިން މައްޗަށް

މިދިޔަ ޖުލައި މަހަށްފަހު ޕާކިސްތާނުން ދުވާލެއްގެ މައްޗަށް ފެނުނު ކޮވިޑް-19 ގެ ކޭސްތަކުގެ އަދަދު 1000 އިން މައްޗަށް އަރައިފިއެވެ.

ޕާކިސްތާނުގެ ހެލްތު މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރުތެރޭ އެގައުމުން ވަނީ މި ބައްޔަށް 1078 މީހުން ޕޮޒިޓިވް ވެފައެވެ. ޕާކިސްތާނުން މީގެކުރިން ދުވާލެއްގެ މައްޗަށް ފެނުނު ކޭސްތަކުގެ އަދަދު 1000 އިން މައްޗަށް އެރީ މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ. އެ ފަހަރު 1114 ކޭސް ފެނިފައިވެއެވެ.

އޭގެފަހުން މިއަދާއި ހަމައަށް ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު ހުރީ 1000 އިން ދަށުގައެވެ.

މިއަދުގެ އަދަދުތަކާއެކު ޕާކިސްތާނުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 332,186 އަށް އަރާފައެވެ. މި ބަލިން 313,527 މީހުން ރަނގަޅުވެފައިވާއިރު މި ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 6،000 އަށް ވުރެ މަތީގައެވެ.

ކޭސްތަކުގެ އަދަދު އިތުރުވާން ފަށާފައިވާއިރު ޕާކިސްތާނުގެ ފެޑެރަލް މިނިސްޓަރ އޮފް ޕްލޭނިން އައްސަދު އުމަރު ވިދާޅުވީ ފާއިތުވި ހަފްތާތަކުގައި މީހުން ފިޔަވަޅުތަކަށް ސަމާލުކަން ދީގެން އުޅުނު ގޮތަށް މިހާރު އުޅެމުން ނުދާ ކަމަށާއި އިތުރު ފިޔަވަޅުތަކާއި މެދު މިހާރު ވިސްނަމުންދާ ކަމަށެވެ.

އެގޮތުން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހިއްޖެނަމަ އެކަން ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.