Last Updated: July 21, 06:01
Monday, July 21, 2025
ޚަބަރު

ކައުންސިލް އިންތިހާބު: 46 ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފި

އައްޑޫގެ ވޯޓު ފޮއްޓަކަށް މީހަކު ވޯޓު އަޅަނީ، ފޮޓޯ: އައްޑޫލައިވް

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން 46 ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފިއެވެ.

އީސީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރުމަށް 2435 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ. މިދިޔަ ބުދަ ދުވަހާ ހަމައަށް 46 ކެންޑިޑޭޓުން ނަން އަނބުރާ ގެންދިޔުމުން މިހާރު އިންތިހާބުގައި ވާދަކުރަނީ 2388 ކެންޑިޑޭޓުންނެވެ.

ނަން އަނބުރާ އެންމެ ގިނައިން ގެންގޮސްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެއީ 15 ކެންޑިޑޭޓުންވެ.

ޕީޕީއެމުން ކުރިމަތިލި ހަ ކެންޑިޑޭޓަކު އަދި ޖޭޕީގެ ފަސް ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރުމަށް ފޯމު ހުށަހެޅި 20 ކެންޑިޑޭޓަކު ވެސް ނަން އަނބުރާ ވަނީ ގެނެސްފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.

ނަން އަނބުރާ ގެންދިއުމަށް ބޭނުންވާނަމަ އެކަމަށް އެދި ހުށަހަޅާނީ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމަށް އެދޭ ފޯމު" އިން ކަމަށް އީސީން ބުނެއެވެ.

މިއަހަރުގެ އޭޕްރީލް މަހު ބާއްވަން ހަމަޖެއްސި ކައުންސިލް އިންތިހާބު މިހާރު ބޭއްވުމަށް ނިންމާފައިވަނީ އަަންނަ އަހަރުގެ ކުރީކޮޅުއެވެ.