Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ކޮޗިން ފެރީ ޗޮކުން ނުދޭ، އަންނަ މަހު އަންނާނެ: އަމްރު

އެސްޓިއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު، ފޮޓޯ: މިހާރު

އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރު ކުރަން ފަށާފައިވާ ކާގޯ ބޯޓު "ޗޮކުން" ގޮސްފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ރައްދު ދެއްވައިފިއެވެ.

އެ ކާގޯ ބޯޓުގެ ފުރަތަމަ ދަތުރުގައި މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ ހދ.ކުޅުދުއްފުއްޓަށް އައިސްފައެވެ. ކުޅުދުއްފުއްޓަށް ފަހު މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ބޯޓު ވަނީ މާލެ އަށް ބަނދަރުކޮށްފައެވެ.

އެ ބޯޓުގެ ހަބަރެއް މިމަހު ނުވާ ކަމަށް ބުނެ އެ ބޯޓު "ޗޮކުން" ދިޔައީތޯ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ކުރި ސުވާލަކާއި ގުޅިގެން އަމްރު ވިދާޅުވީ އެ ބޯޓު މިވަގުތު މާލެ ސަރަހައްދުގައި މުދާ ބާލަމުންދާ ކަމަށާއި ދެން އެނބުރި އިންޑިއާ އަށް ދިޔުމަށްފަހު އަންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ހިސާބުގައި ކަމަށެވެ.

"ކާގޯ ފެރީން މުދާ ގެންނަން ބޭނުން ވަނީތޯ" އަމްރު ނިހާން އާއި ސުވާލު ކުރައްވަމުން ވިދާޅުވިއެވެ.

މި ބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ. މި ބޯޓުން ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖެއާ އިންޑިއާއާއި ދެމެދު އަގުހެޔޮކޮށް ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށާއި އަދި އިންޑިއާއިން ކަނޑުމަގުން މުދާ އެތުރުކުރެވޭނެ އިތުރު މަގުތައް ތަނަވަސްވުމުގެ އިތުރުން އިންޑިއާގެ ބާޒާރުތަކަށް ފަސޭހައިން ދިވެހީންނަށް ވާސިލުވެވޭނެ ފުރުސަތު ފަހިވެގެން ދިއުމާއި ދިވެހި އުފެއްދުންތައް އިންޑިއާގެ ބާޒާރަށް ވިއްކޭނެ މަގު ވެސް ފަހިވެގެންދާނެ ކަމަށް ދެ ގައުމުގެ ސަރުކާރުން ހާމަކުރެއެވެ.