Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ފުރައިގެން ގޮސްފައިވާ ބިދޭސީންގެ ވޯކް ވިސާ އޮންލައިންކޮށް މިހާރު ދެއްކޭނެ

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް - ފޮޓޯ: އިމިގްރޭޝަން

ރާއްޖެއިން ފުރައިގެން ގޮސްފައިވާ ބިދޭސީންގެ ވޯކް ވިސާ ފީ އޮންލައިންކޮށް މިހާރު ދެއްކޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ވޯކް ވިސާ ލިބިގެން ރާއްޖޭގައި ވަޒީފާ އަދާ ކުރުމަށްފަހު، އެކިއެކި ސަބަބުތައް މެދުވެރިވެ ރާއްޖެއިން ފުރާފައިވާ ބިދޭސީންގެ ތެރެއިން، ވިސާ ފީގެ މުއްދަތު ހަމަވެ، އޮންލައިންކޮށް ފީ ދެއްކެން ނެތުމުގެ ސަބަބުން ވީޒާ ކެންސަލްނުކުރެވިވާ ފަރާތްތަކުގެ ވިސާ ފީ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

މިގޮތުން ވާރކް ވިސާ ފީ ދެއްކުމަށް އެދޭ ފަރާތްތަކުން "މިސަލޭނިއަސް ވާރކް ވީޒާ ފީ ފޯމު" IM41 ފޯމު ފުރިހަމަ ކުރުމަށްފަހު، workvisafee@immigration.gov.mv އަށް މެއިލް ކުރެއްވުމުން، ރަސްމީ މަސައްކަތު ހަތް ދުވަސްތެރޭ ފީ ދެއްކުމަށް ބޭނުންވާ މަޢުލޫމާތު އެކްސްޕެޓް އޮންލައިން ސިސްޓަމަށް ލެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އަދި ފީ ދެއްކެވުމަށް ބޭނުންވާ މީހާގެ ރެކޯޑް ސިލެކްޓް ކުރެއްވުމުން، ވީޒާ ފީގެ ގޮތުގައި ދައްކަވަންޖެހޭ އަދަދު ފެންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން އިމިގްރޭޝަނުން ވަނީ އެ ފޯމު ހުށަހަޅާނީ ވޯކް ވީސާ ފީ ދެއްކުމަށްފަހު ވީސާ ކެންސަލްކުރަން އެދޭ ފަރާތްތަކުން ކަމަށް ބުނެފަ އެވެ. އަދި އަޕްޑޭޓް ކުރެވިފައިވާ ރެކޯޑަށް އޮންލައިންކޮށް ފީ ދެއްކުމަށް ދެވިފައިވާ މުއްދަތު ކަމަށްވާ 90 ދުވަސް ހަމަވުމުގެ ކުރިން ފީ ދެއްކެވުމަށް ސަމާލުކަން ދިނުމަށް ވެސް އެދިފައިވެ އެވެ.