Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އެއީ ބިރުވެރި ވަގުތުކޮޅެއް، "ކޮށާލާނެ" ކަމުގެ އިންޒާރު ދިން: ފަޅުވެރިން

ފަސްކުރި ދޯނި

މިދިޔަ އާދީއްތަ ދުވަހުގެރޭ ލ. ވަޑިނޮޅި ކައިރީ އެންދެމުގެ މަސައްކަތަކުގައި ތިއްބާ ތޫނު އެއްޗެއްސާއި އެކު "ފަސްކުރި" ދޯންޏަށް އެރި މީހުން ފުރާނާ އަށް ނުރައްކާވާ ފަދަ އިންޒާރުތަކެއް ދިން ކަމަށް އެ ދޯނީގެ ފަޅުވެރިން ބުނެފިއެވެ.

އެ ދޯނީގެ ފަޅުވެރިން މިހެން ބުނެފައިމިވަނީ ފަސްކުރި ދޯންޏާއި ގުޅޭގޮތުން އެދޯނީގެ ވެރިމީހާ އިދުރީސް ހުސެއިން ނެރުނު ބަޔާނާއި ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައެވެ.

އެ ދޯނީގައި ތިބި 22 ފަޅުވެރިންގެ ފަރާތުން ހާދިސާގެ ހަގީގަތް ހާމަކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ ލ. ވަޑިނޮޅި ކައިރީގައި އެންދެމުގެ މަސައްކަތްގައި ތިއްބާ ދޯންޏަށް ދަނގަޑާއި، ވަޅި، ކަނޑި ފަދަ ތޫނު އެއްޗެއްސާއި އެކު އަރައި ދޯނީގައި ތިބި ފަޅުވެރިންނަށް ބިރު ދައްކައި، ކެޕްޓަނަށް ވަޅިން ބިރު ދައްކައި ދޯނި ލ. ގަމަށް ގެންދިއުމަށް ހިންގި ލާއިންސާނީ ޖަރީމާ ހިންގުމުގައި އިސްކޮށް ހުރީ އިދުރީސް ކަމަށެވެ.

އެގޮތުން އިދުރީސް އާއި އެކު ދޯންޏަށް ތޫނު އެއްޗިއްސާއި އެކު 27 މީހުން އެރި އިރު އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށާއި އަދި ދޯންޏަށް އަރައި ދޯނީގެ ކެޕްޓަން ވީލް ހައުސްގައި ނިދާފައި އޮތްވާ ހޭލައްވައި، ދޯނި ސްޓާޓު ކޮށް ދުއްވުމަށް އަމުރު ކުރީ ވަޅި އާއި އެކު ތިބި ތިން މީހުން ކަމަށްވާއިރު އެތިން މީހުންގެ ތިބީ ވީލް ހައުސް ތެރޭ ކެޕްޓަންގެ ފުރަގަހުގައި ވަޅި ހިފައިގެން ކަމަށް ފަޅުވެރިން ބުނެއެވެ.

އަދި ދޯނީގެ އިންޖީނު ސްޓާޓު ކުރުމަށް ދިޔަ ފަޅުވެރިއާއަށް ބިރު ދައްކައި، އަވަހަށް ސްޓާޓު ކުރުމަށް އަންގައި، "އަވަސް ކުރޭ، ނޫނީ ވަޅި ތަޅާލާނަމޭ" ބުނެ ބިރު ދައްކަމުންދިޔަ ކަމަށާއި ދޯނީގެ ނަގިލި ނެގުން ލަސްވުމުން ނަގިލި ނަގަން ދިޔަ ފަޅުވެރިޔާގެ މޫނަށް ވަޅި ދިށްކޮށް އަވަސް ކުރުމަށް އަންގައި ބިރު ދައްކާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ދޯނީގައި ތިބި ފަޅުވެރިންނަށް އެކި ގޮތްގޮތުން ބިރު ދައްކައި ދޯނީގައި ހުރި ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ގަޔަށް އެތަނުން މީހަކު ވަނީ ހޫނު ފެން އަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ދޯނި ރަހީނުކޮށް، ލ. ގަމު ފަޅަށް ވައްދާފައިވަނީ އެރޭ ދަންވަރު 3 ޖަހާކަށް ހާއިރު ކަމަށާއި ދޯނި ބަނދަރަށް ވަނުމުގެ ކުރިން ރަހީނު ކުރަން ދޯންޏަށް އެރި މީހުން ގެންދިޔަ ބައެއް ސާމާން ކަނޑަށް އުކާލާފައިވާ ކަމަށްވެސް ފަޅުވެރިން ބުނެއެވެ. ދޯނި ލ.ގަމު ބަނދަރަށް ކައިރި ކުރިއިރު ފުލުހުންގެ ބަޔަކު ބަނދަރުގައި ތިބިއިރު ދޯނި ބަނދަރު ކުރުމުން ދޯންޏަށް އެރި 27 މީހުން ފުލުހުންގެ ކުރިމަތިން ފައިބައިގެން ގޮސްފައިވާ ކަމަށާއި އޭގެ ތެރޭގައި އިދުރީސް ހުސެއިންވެސް ހިމެނޭ ކަމަށް ފަޅުވެރިން ބުނެއެވެ. އެގޮތުން ފުލުހުން އެމީހުން ފޮނުވާލީ އެމީހުންގެ ނަން ނޯޓު ކުރުމަށްފަހުއެވެ.

"މިހާދިސާގެ ތަހްގީގަށް ހެނދުނު 9 ޖެހި އިރު ބަޔާން ނެގުމަށް ދޯނީގެ ކެޕްޓަނާއި އެކު 2 މީހަކު ލ. ގަމު ޕޮލިސް ސްޓޭޝަނަށް ގެންދިޔައެވެ. އަދި އެ 3 މީހުންގެ ބަޔާން ނެގުމަށް ފަހު އިތުރު ދެ ފަޅުވެރިއަކު ބަޔާން ނެގުމަށް ލ. ގަމު ޕޮލިސް ސްޓޭޝަނަށް ގެންދިޔައެވެ. ޖުމްލަ 5 ފަޅުވެރިއެއްގެ ބަޔާން ލ. ގަމު ޕޮލިސް ސްޓޭޝަނުން ނެގިއެވެ. ފަހުން ގެންދިޔަ ދެމީހުންގެ ބަޔާން ނެގުމަށް ފަހު ދޯނި ފުރައިގެން ދިއުމަށް ލ. ގަމު ޕޮލިސް ސްޓޭޝަނުން ކެޕްޓަނަށް ފޯނުން އެންގިއެވެ. ނަމަވެސް ދޯނި އާއި އެކު ފުރައިގެން ދެވޭނެ މާހައުލެއް ނެތްކަމަށް ކެޕްޓަން ފުލުހުން ގާތު ވަނީ ބުނެފައެވެ" އެ ބަޔާނުގައި ބުނެއެވެ.

ދޯނި ލ. ގަމު ބަނދަރަށް ކައިރި ކުރި ހިނދުން ފެށިގެން ދޯނި ކައިރީ އިދުރިސް ހުސެއިންގެ މީހުން ދިޔައީ ހަރަކާތްތެރިވަމުން ކަމަށާއި އަދި ދޯނި ދޫކޮށް ފޭބުމަށް އޭރުވެސް އެމީހުން އަންގަމުންދިޔަ ކަމަށްވެސް ފަޅުވެރިން ބުނެއެވެ.

"ހަވީރު 5 ގެ ކުރިން ދޯނިން ނުފާބައިނަމަ "ކޮށާލާނެ" ކަމަށް ބުނެ ދިޔައީ އިންޒާރު ދެމުންނެވެ. އެ މީހުން އެފަދަ އިންޒާރު ދެމުން ދިޔައިރުވެސް ފުލުހުން އެތަނުގައި ތިބި ކަން ފާހަގަ ކުރަމެވެ. ދޯނީގެ ފަޅުވެރިންނަށް ރައްކާތެރި މާހައުލެއް ނެތުމުން އެހީއަށް ފުލުހުން ގާތު އެދުނެވެ. އެގޮތުން ފުރައިގެން ރަށައް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފަޅުވެރިން ފައިސާ ދޭ ގޮތަށް އުނޅަދެއް ހޯދައި ދިނުމަށް ފުލުހުން ގާތު އެދުނެވެ. ނަމަވެސް އެކަމެއް ފުލުހުން ކޮށްދީފައި ނުވެއެވެ" އެ ބަޔާނުގައި ވެއެވެ.

އަދި ގޮތް ހުސްވެފައި އެއްވެސް ފަރާތަކުން އެހީއެއް ނުލިބި ހާލުގައި ތިއްބާ ލ. ގަމު ދޯންޏެއް ކަމަށްވާ "ފަހިމަގު" ކެޕްޓަނާއި ދިމާވެ އެމީހުން ދޯނިން ލ. ހިތަދޫއަށް ގެންގޮސް ދިނުމަށް ފަޅުވެރިން އެދުމުން "ފަހިމަގު" ދޯނީގެ ވެރިޔާ ވަނީ ދޯނީގެ ފަޅުވެރިން އެއްވެސް އުޖޫރައެއް ނެތި ލ. ހިތަދޫއަށް ގެންގޮސްދީފައިވާ ކަމަށް ފަޅުވެރިންގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

"ދޯނި ރަހީނު ކުރި ޓެރަރިސްޓު ހަމަލާއަށް ފަހު އިދުރީސު ހުސެއިން ދޯނީގެ ފަޅުވެރިންނަށް ބިރު ނުދައްކާ ކަމަށާއި، ސުލްހަވެރިކަމާއި އެކު ދޯނި ހޯދީކަމަށް ބުނެ ދައްކަނީ ކަނޑައެޅިގެން ބުހުތާނު ދޮގެވެ. އަދި ދޯނީގައި ތިބި ފަޅުވެރިންނަށް އެހީތެރިވެ، ރަށައް ފުރުވާ ދިނުމުގައި އެހީތެރިކަން ދިން ކަމަށް ބުނެ ހަދާފައިވަނީ ކަނޑައެޅިގެން ދޮގެކެވެ" ފަޅުވެރިން ބުނެއެވެ.

މިއީ ރާއްޖޭގެ ތާރީހުގައި މަސްވެރި އުޅަނދަކަށް ތޫނު އެއްޗެއްސާއި އެކު އަރައި ބަޔަކު ރަހީނުކޮށް ހިންގި އެންމެ ލާއިންސާނީ އަމަލު ކަމަށްވާއިރު ފަޅުވެރިން ވަނީ މި މައްސަލަ ވީހާވެސް އަވަހަކަށް ބެލުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.